މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ "މަސްވެރިންގެ ފޯރަމް" ނިންމާލައިފިއެވެ.
މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި މި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން މި ފޯރަމްގައި ބައިވެރިވިއެވެ. މި ފޯރަމްގައި 9 އަތޮޅަކުން 47 މަސްވެރިންނާއި 4 މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަގްސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް މި ފޯރަމްގައި މަޝްވަރާކޮށްފައިވެއެވެ.
މަސްވެރިންގެ ގުންޒަރުގައި ކުރިއަށްގެންދިޔަ ސެޝަން ތަކުގައި އެމް.އެން.ޑީ.އެފް ކޯސްޓް ގާރޑް، އެމް.އެފް.އޯ.އާރް.އެމް.ޕީ.ސީ، އެމް.އެސް.ޕީ.އީ.އޭ އަދި ބީ.އެމް.އެލްގެ ފަރާތުން ސެޝަންތައް ނަގައިދީފައިވެއެވެ.
މި ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ވުޒާރާއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.





