އ.ދ. ގެ ކޮރަޕްޝަނާ ދެކޮޅަށް އެކުލަވާލާފައިވާ ކޮންވެންޝަން (އުންކެކް) ގެ ދައުލަތްތަކުގެ ފަރާތްތަކުގެ ބައްދަލުވުން (ކޮސްޕް11) ގައި ބައިވެރިވުމަށް ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15 އިން 19 އަށް ޤަޠަރުގެ ދޯހާގައެވެ.
ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ މި ކޮންފަރެންސް އިންތިޒާމުކުރަނީ އ.ދ. ގެ މަސްތުވާތަކެއްޗާއި ކުށާ ދެކޮޅަށް މަސައްކަތްކުރާ އޮފީސް (ޔޫ.އެން.އޯ.ޑީ.ސީ) އާއި ޤަތަރު ގުޅިގެންނެވެ. ކޮސްޕް11 އަކީ އުންކެކްއާ ގުޅޭގޮތުން ނިންމުންތައް ނިންމާ މައިގަނޑު ފޯރަމެވެ. މި ބައްދަލުވުމުގައި ދައުލަތްތަކުގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި، ސިވިލް ސޮސައިޓީގެ ފަރާތްތައް އެއްވެ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ކުރިއެރުންތައް ވަޒަންކޮށް، ޤަރާރުތައް ފާސްކޮށް، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރެއެވެ.
އޭސީސީން ހާމަކުރި ގޮތުގައި ކޮސްޕް11 ގައި ބައިވެރިވާ ދައުލަތްތަކުން އުންކެކްގެ އެންގުންތައް ތަންފީޒުކުރާ މިންވަރު މުރާޖަޢާކޮށް، އެންމެ ރަނގަޅު އުސޫލުތައް ހިއްސާކޮށް، ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ސްޓްރެޓެޖީތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މީގެ އިތުރުން، މި ކޮންފަރެންސަކީ ސިވިލް ސޮސައިޓީއާއި ޕްރައިވެޓް ސެކްޓަރ ހިމެނޭ ގޮތަށް، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޤާބިލުކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
މި އިވެންޓުގައި އޭސީސީގެ އިތުރުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އޭސީސީން ބުނީ ކޮސްޕް11 ގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދުތަކަކީ ބައިނަލްއަޤްވާމީ ގުޅުން ވަރުގަދަކުރުމާއި، އެހެނިހެން ޤައުމުތަކުގެ ޓެކްނިކަލް އެހީތެރިކަން ހޯދުމާއި، ކޮމިޝަނުން ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތް ހިއްސާކުރުމާއިއެކު ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.





