Friday, November 13
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު ތައިލެންޑުގައި ފަރުވާދެނިކޮށް މިއަދު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މިގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ޙާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލް ނިޔާވި ޚަބަރު އެމަނިކުފާނު އެއްސެވީ ނުހަނު އަސަރާއި ހިތާމައާ އެކު ކަމަށެވެ. " އެ ޢާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދެން. އަދި މަރްޙޫމް އަޙްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަން"، ރައީސް ވިދާޅުވިއެވެ.

ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސުވިޗު ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން އަންނަނިކޮށް، ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހުނު އަޒްމީލް އިތުރު ފަރުވާ އަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަ އެވެ.

އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން މިދިޔަ ނޮވެމްބަރު 26 ގައި ކަރަންޓުގެ ހިދުމަތް ވެސް ކެނޑުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު