ކާޑު ލިމިޓުގެ ބޭނުން ނަހަމަ ގޮތުގައި ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލް އިން ވަނީ ނޮވެންބަރު 11 އިން ފެށިގެން ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި ކާޑު މެޝިންގައި 1،000 ޑޮލަރާ ހަމައަށް، އަދި ޓިކެޓާއި ހޮޓެލް ބުކިންގ އަށާއި ޝިއްޙީ ފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3،000 ޑޮލަރާ ހަމައަށް ބޭނުންކުރެވޭ ގޮތަށް ހަދައިފައެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިގޮތަށް ކަނޑައަޅާފައިވީނަމަވެސް، މި ލިމިޓުތައް ނަހަމަ ގޮތުގައި ބޭނުންކުރަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަގަފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދިނުމާއި، އޭގެ ތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ޤައުމަކަށް ގެންގޮސް، ބޭރު ފައިސާ ހޯދުމަށްޓަކައި ވަކި މާޗެންޓެއްގެ ކާޑު މެޝިންގައި އެ ކާޑުތައް ބޭނުންކޮށްގެން މުއާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް ޓިކެޓާއި ހޮޓެލް ބުކިންގ އަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
ބީއެމްއެލް އިން ބުނީ މިގޮތަށް ތިންވަނަ ފަރާތަކަށް ކާދު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ޢަމަލެއް ކަމަށާއި، ޕަރސަނަލް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެ ކާޑުގެ ވެރި ފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށެވެ.
އެހެންކަމުން، މިފަދަ މުޢަމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ޚިލާފު މުޢާމަލާތްތަކަކަށް ވާތީވެ، ކުރިއަށް އޮތް ތާނގައި މިފަދަ މުޢާމަލާތްތައް ބަލައި ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަމުންގެންދާނެ ކަމަށް ބޭންކުން ބުންޏެވެ. އަދި މިގޮތަށް ބޭނުންކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓު ކަނޑާލުމާއި އެފަދަ މާޗެންޓުތަކުގައި މުޢާމަލާތް ނުކުރެވޭ ގޮތަށް ހެދުން ފަދަ ފިޔަވަޅުތައް އަޅަންޖެހިދާނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ ޑެބިޓު ކާދު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ބޭރު ފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާއިރު، ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީ އެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ދެވޭނީ ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ ޢަމަލުތައް ހުއްޓިގެން ކަމަށެވެ.
އެހެންކަމުން ކާޑުގެ ވެރިފަރާތުގެ އެކައުންޓުގެ ރައްކާތެރިކަމަށާއި، ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި، ބޭންކުން ދީފައިވާ މިފަދަ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުންގެންދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެގުމަށް ނުދިނުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.






