Friday, November 13
ހުޅުމާލޭގެ ހުސްބިންތަކުގައާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ އޮޕަރޭޝަނެއް ފަށައިފި

ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، ހުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެފަދަ އުޅަނދުތައް ޓޯވކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ޕޮލިސް ޓޯވޔާރޑް ކައިރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި  ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އާއި ހުޅުމާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި ފުލުހުންގެ ސީނިއަރ އޮފިސަރުން އަދި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ މަގުމައްޗަށް އުޅަނދުތައް ދޫކޮށްލުމުން ގިނަ ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޕާކުކުރުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައްވެސް މިގޮތަށް މަގުމައްޗަށް ދޫކޮށްލާފައި ހުންނަކަން ފާހަގަކުރައްވައި، އެގޮތަށް ގެނެސްފައިވާ ދޫކޮށްލާފައި ހުރުމުން ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި އެފަދަ އުޅަނދުތައް ނެގުމަށް އިލްތިމާސްކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސީޕީ ނަވީން ދެއްކެވި ވާހަކަފުޅުގައި ދެމެހެއްޓެނެވި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި، މިކަމުގައި އެއްބާރުލުން ދެއްވާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި އެ މުއައްސަސާއާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި އެޗްޑީސީ، ޕަބްލިކް ވޯކްސް، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ބައިވެރިވެއެވެ.

ޑިސެންބަރު 6-9 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯވކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު