ގދ. ގައްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިކަމަށްޓަކައި އިއްޔެ ގައްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު، ޢަބްދުالله ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ގައްދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޢަލީ އާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދާއި، ގައްދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން 18،613 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ޞިއްޙީ ޚިދުމަތް ދޭ ބްލޮކެއް ހަދާނެއެވެ. އަދި 2،563 އަކަފޫޓުގެ ސަރަހައްދެއްގައި އެއް ފަންގިފިލާގެ އެހެނިހެން ޚިދުމަތް ދޭ ބްލޮކަކާއި، 3،573 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހަދާނެއެވެ.
މިއީ 101.70 މިލިއަން ރުފިޔާއަށް 600 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.





