Friday, November 13
ރާއްޖެއިން ލަންކާއަށް ހަދިޔާކުރާ ފައިސާގެ އެހީއާއި މަސްދަޅު އެ ޤައުމާ ހަވާލުކޮށްފި

"ޑިތުވާ" ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ދިމާވި ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާއި ދިވެހިންގެ ފަރާތުން ހަދިޔާކުރާ އިންސާނީ އެހީ ސްރީލަންކާ ގެ ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ޑިތުވާ ތޫފާނާ ގުޅިގެން ރާއްޖެއިން ވަނީ ސްރީލަންކާއަށް ގިނަ އަދަދެއްގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ސަރުކާރުން ފޯރުކޮށްދިން 50،000 އެމެރިކާ ޑޮލަރު ގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ އާއި އެހެނިހެން އަމިއްލަ މީޑިއާ ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 834,843.98 އެމެރިކާ ޑޮލަރު ހިމެނެއެވެ.

ފައިސާގެ އެހީ އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) އިން އުފައްދާފައިވާ 25،000 ކޭސް މަސްދަޅު (1،232،166.02 އެމެރިކާ ޑޮލަރު) ސްރީލަންކާ ސަރުކާރާ ހަވާލުކުރެއްވީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް މަސްޢޫދު ޢިމާދެވެ. މި 25،000 ކޭސް މަސްދަޅު ސްރީލަންކާއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން، އެ ކުންފުނީގެ އެމް.އެސް.އެސް. ގަލީނާ ބޯޓުގައެވެ.

ދިވެހި ސަރުކާރުން ފޯރުކޮށްދިން މި އެހީގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އިސްނަގައިގެން، ސްރީލަންކާގެ ހާލުގައި ޖެހުނު އާއިލާތަކަށް މިހާރުން މިހާރަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށްޓަކައި ކޮޅުނބުގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ ގައި މިހިނގާ ޑިސެމްބަރު މަހުގެ 1 އިން 5 ގެ ނިޔަލަށް ތަކެތި ހަދިޔާކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ތަކެތި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ ގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ޚާރިޖީ ވުޒާރާއިން ވަނީ ސްރީލަންކާގެ އިންސާނީ، އިޖްތިމާޢީ އަދި ތަރައްޤީގެ މަޝްޢޫރުތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދީ އެހީތެރިވާނެކަމުގެ ޔަޤީންކަން އަރުވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު