Saturday, October 31
ޖަޕާނާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރަން މަސައްކަތް ކުރާނަން: މަޚްލޫފް
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ޤާއިމްވެފައިވާ ދުވަސްވީ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރާއްޖެއިން ޖަޕާނަށް އަލަށް ކަނޑައެޅުއްވި ސަފީރު، އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މަޚްލޫފް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މަޚްލޫފް ވިދާޅުވީ ރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށާއި، ތަފާތު ހައިސިއްޔަތެއްގައި ޚިދުމަތް ކުރެއްވުމަށް އިތުބާރު ކުރައްވައި ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވާ ކަމަށެވެ. މީގެ އިތުރުން މަޚްލޫފް ވަނީ މަޚްލޫފަށް ރުހުން ދެއްވި ކަމަށްޓަކައި ޕީއެންސީ އާއި އެމްޑީޕީ އާއި އެމްޑީއޭ އަދި ޖޭޕީގެ މަޖިލިސް މެންބަރުންނަށް ޝުކުރު ދަންނަވައިފައެވެ. މަޚްލޫފް ވިދޅާުވީ ޖަޕާނާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށާއި، ރާއްޖޭގެ ތަރައްޤީއަށް ހިއްސާކުރާނެ ހުރިހާ ފުރުޞަތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިއީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރިތާ 58 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި މަޚްލޫފް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ޖަޕާނަކީ ރާއްޖޭގެ ކުރިއެރުމުގެ ގާތް އެކުވެރިއެއް ކަމަށެވެ. އަދި ޖަޕާންގައި ދިރިއުޅޭ ނުވަތަ ޖަޕާނަށް ޒިޔާރަތްކުރާ ނުވަތަ ޖަޕާނާ ގުޅޭ އެއްވެސް އެހީތެރިކަމެއް ބޭނުންވާ ކޮންމެ ދިވެއްސަކަށްވެސް، ކޮންމެ ވަގުތަކުވެސް ސަފީރަށް ގުޅޭނެ ކަމުގައި މަޚްލޫފް ވިދާޅުވިއެވެ. ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މަޚްލޫފް ޢައްޔަންކުރެއްވީ މިއަދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު