ކ. ދިއްފުށީގައި ޞިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްޚީ ދާއިރާގެ ކުނިމެނޭޖް ކުރުމަށް ޙާއްސަ ކުރެވިފައިވާ ޢިމާރާތްތަކާއި، ސާފު ހަކަތައިގެ އުޅަނދުތަކާއި، ރައްކާތެރިކަމާއިއެކު ކުނި ނައްތާލުމުގައި ބޭނުންކުރާ ތަކެތި ރަސްމީކޮށް ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރުންވެސް ޔޫ.އެން.ޑީ.ޕީ އަދި ޖަޕާން ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސާފު، ރައްކާތެރި، އަދި ދެމެހެއްޓެނިވި ސިއްޙީ ނިޒާމެއް ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ކ. ދިއްފުށި ސިއްޙީ މަރުކަޒުގައި ގާއިމް ކުރެވުނު މި ފެސިލިޓީއާ އެކު، މުޅި ރާއްޖޭގައި 21 ސިއްޙީ ކުނި މެނޭޖްކުރާ ތަން ހެދިފައިވާއިރު، ތުރާކުނު އަދި ތަކަންދޫ ސިއްޙީ މަރުކަޒަށް އޮޓޯކްލޭވް ފޯރިކޮށްދެވިފައިވެއެވެ.
އަދި ކުނި އުފުލުމުގައި ރައްކާތެރި، ސާފު-އެނާޖީ ބޭނުންކުރާނެ 65 އިލެކްޓްރިކް ޓްރައިސައިކަލް (ތިން ފުރޮޅުލީ ސައިކަލް) ހަވާލުކުރެވިފައިވާއިރު، ޑަބްލިޔު.އެޗް.އޯ އާ ގުޅިގެން 656 ސިއްޙީ މަސައްކަތްތެރިންނަށް ރައްކާތެރިގޮތުގައި ސިއްޙީ ދާއިރާގެ ކުނި މެނޭޖް ކުރާނެގޮތުގެ ތަމްރީނު ދެވިފައިވާ ކަމަށާއި، ކުނި މެނޭޖްކުރުމުގެ ނިޒާމު ވަރުގަދަ ކުރުމަށް 270 ކޮމްޕިއުޓަރ ސިސްޓަމާއި 40 ނެޓްވޯކް ސްވިޗް ހިމެނޭހެން ޑިޖިޓަލް އަޕްގްރޭޑްތައް ފޯރުކޮށްދެވިފައިވާ ކަމަށާއި އަދި ދެމެހެއްޓެނެވި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީވުމުގެ ގޮތުން އީ.ސީ.ޖީ މެޝިން އާއި އޮޓޯކްލޭވް މެޝިން ހިމެނޭހެން ސިއްޙީ ޚިދުމަތުގެ ސާމާނު ހޯދިފައިވާ ކަމަށްވެސް ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ.
ދިއްފުށީގައި ޞިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަޝްރޫޢަކީ ޖަޕާން ސަރުކާރުން ފައިސާގެ އެހީގައި ޔޫ.އެން.ޑީ.ޕީން 2022 އިން 2025 އަށް ހިންގަމުންދާ 4.4 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ، އިންސާނުންނާއި ތިމާވެށީގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ސިއްހީ ދާއިރާގެ ކުނި މެނޭޖްކުރުން ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމެވެ.






