Saturday, October 31
ރާއްޖެއިން ފޯރުކޮށްދެމުންދާ އެހީ އަކީ ލަންކާ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއް: ޑިސަނާޔަކަ
ސްރީލަންކާއަށް ކުރިމަތިވި ނުރައްކާތެރި ތޫފާނުގެ ސަބަބުން ލަންކާއަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން ފޯރުކޮށްދެމުންދާ އެހީ ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށާއި، މިއީ ލަންކާ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއްކަމަށް ލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވިދާޅުވީ، ރާއްޖެއިން މި ދަނޑިވަޅުގައި ލަންކާ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް، ދައްކުވައިދިން އޯގާތެރިކަމަކީ ލަންކާ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ބަދަހިގުޅުން ދައްކުވައިދޭކަމެއްކަމަށްވެސް ލަންކާގެ ރައީސް ވިދާޅުވިއެވެ. ލަންކާއަށް ދިމާވި ދަތި ދަނޑިވަޅާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖާއި ސްރީލަންކާއަށް ދިވެހި ސަރުކާރުން ވެދެއްވި ދީލަތި އެހީތެރިކަން ބަލައިގަންނަކަމަށެވެ. ލަންކާއަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ލަންކާ ސަރުކާރާއި ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގެންފައިވާއިރު، ލަންކާއަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. މީޑިއާތަކުގެ ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރާއި ދިވެހި ސަރުކާރުންވެސް 50 ހާސް ޑޮލަރުގެ އެހީއެއް ލަންކާއަށް ފޯރުކޮށްދެއްވާފައެވެ. އޭގެއިތުރުން 25 ހާސް މަސްދަޅު ކޭސްވެސް ލަންކާއަށް ވަނީ ހަދިޔާކުރައްވާފައެވެ. ދިވެހިރާއްޖެއިން ލަންކާއަށް ހަދިޔާގެ ގޮތުގައި ފޮނުވާ މަސްދަޅު ކޭސްތައް، އެ ޤައުމަށް ފޯރުކޮށްދިނުމަށް ރާއްޖޭގެ ޝިޕިންގ ކުންފުނީގެ ބޯޓު މިހާރު ވަނީ ފުރާފައެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގެލަނާ ކާގޯ ބޯޓު ފުރާފައިވަނީ، ރޭގެ ވަގުތެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު