Saturday, October 31
ސަފީރުކަށް އައްޔަންކުރަން މަހުލޫފަށް މަޖިލިހުން ރުހުންދީފި
ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރަކަށް އަހުމަދު މަހުލޫފު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ. ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫގު އައްޔަންކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ގަ އެވެ. އެ ހުށަހެޅުއްވުން މަޖިލީހުގެ ހާރިޖީ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށް، މަހުލޫފަށް ރުހުން ދޭން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ. އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިން މަހުލޫފަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. މަހުލޫފް ވެރިކަން ކުރާ ޕީއެންސީ އަށް ސޮއިކުރެއްވީ މިދިޔަ މަހުގެ 14 ގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގަ އެވެ. މީގެ އިތުރުން މިއަދު ވަނީ އުރުދުންއާއި ފަލަސްޠީން އަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ އަދި ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުން ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުރުދުންއަށް ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަން ކުރެއްވުމަށް ފޮނުއްވީ، ޑރ. ހާލާ ޙަމީދުގެ ނަންފުޅެވެ. ޑރ. ހާލާއަކީ، ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހާލާ މިހާރު ހުންނެވީ، ޚާރިޖީ ވުޒާރާގެ ބައިލެޓްރަލް ސެކްރެޓަރީގެ މަޤާމުގައެވެ. އުރުދުންއަށް ހާލާ އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ، 63 މެންބަރުންގެ ވޯޓުންނެވެ. ފަލަސްޠީނަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ، ޑރ. އިބްރާހީމް ޒުހުރީގެ ނަންފުޅެވެ. ޑރ. އިބްރާހީމް ޒުހުރީއަކީވެސް ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި މިހާރު ހުންނެވީ، ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައެވެ. ފަލަސްޠީނަށް ކަނޑައަޅުއްވާ ސަފީރަަކަށް ޑރ. އިބްރާހިމް ޒުހުރީ އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ، 62 މެންބަރުންގެ ވޯޓުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު