ބްރެޒިލްގެ ވާދަވެރި ދެ ޓީމު ކަމަށްވާ ފްލެމެންގޯ އާއި ޕަލްމެއިރާސް ބައްދަލުކުރި ކޮޕާ ލިބަރޓަޑޯރޭސްގެ ފައިނަލް މެޗުން މޮޅުވެ،ފްލެމެންގޯއިން ތާރީޚީ ކާމިޔާބެއް ހޯދާފިއެވެ. މި މޮޅާއެކު ފްލެމެންގޯ ވެފައިވަނީ މި މުބާރާތް ހަތަރު ފަހަރު ހޯދި ފުރަތަމަ ބްރެޒިލް ޓީމަށެވެ. ވާދަވެރި މި މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ކުރިން ރެއާލް މެޑްރިޑް، މެންޗެސްޓަރ ސިޓީ އަދި ޔުވެންޓަސް އަށް ކުޅުނު ޑިފެންޑަރު ޑެނިލޯއެވެ.
ޑެނިލޯ މި ލަނޑު ޖެހީ މެޗުގެ 67 ވަނަ މިނެޓުގައި ޖިއޯރޖިއަން ޑި އަރަސްކައެޓާ ނަގައިދިން ކޯނަރަކުން ބޮލުން ޖަހައިގެން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ވާދަވެރި މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަކަށް ވެސް ގޯލަށް އަމާޒުކޮށް އެއްވެސް ޝޮޓެއް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ ފަހުކޮޅު ޕަލްމެއިރާސް އަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް، ވިކްޓަރ ރޮކީ ޖެހި ބޯޅަ ދިޔައީ ދަޑި މަތިން ބޭރަށެވެ. އިތުރު ވަގުތުގައި ފްލެމެންގޯގެ އެވަރޓަން ޖެހި ހިލޭ ޖެހުން ޕަލްމެއިރާސްގެ ގޯލްކީޕަރު ކާލޯސް މިގޭލް ވަނީ ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށް ފައެވެ.
މި ކާމިޔާބީއާއެކު ފްލެމެންގޯއިން ވަނީ ބްރެޒިލްގެ ފުޓްބޯޅައިގެ ތާރީޚުގައި ޚާއްސަ މަޤާމެއް ހޯދާފައެވެ. ފާއިތުވި ހަތް ސީޒަންގެ ތެރެއިން ފަސް ސީޒަންގައި ލިބަރޓަޑޯރޭސްގެ ތަށި ހޯދާފައިވަނީ ޕަލްމެއިރާސް ނުވަތަ ފްލެމެންގޯއިންނެވެ. މިއީ ދެ ޓީމުގެ ބާރުގަދަ ވާދަވެރިކަން ދައްކުވައިދޭ ކަމެކެވެ.






