މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދައި އެފައިސާތައް ވިޔަފާރި އެކައުންޓްތަކަކަށް ޖަމާކުރުވައި، އެފައިސާތައް ނަގަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ / މަންޒަރުގެ، މުޙައްމަދު ޝާވިން (23އ) އެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޑޮލަރު މާރުކުރުމަށް ވައިބަރ ގްރޫޕަކުން ފެނުނު ފަރާތަކަށް 1250 ޑޮލަރު ޓްރާންފަރކުރުން އެޑޮލަރަށްވާ ރުފިޔާ ދީފައިނުވާތީ 2025 ނޮވެމްބަރު 27 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު ހުށަހެޅުނު މައްސަލައާ ގުޅިގެން އެންޓި ސްކޭމް ސެންޓަރގެ ރެޕިޑް ރެސްޕޯންސުން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެއިން ފައިސާއާ ހަވާލުވުމަށްފަހު ދަނިކޮށެވެ.
ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ 1250 ޑޮލަރު ރިވަރކޮށްފައިވާއިރު، އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާވެސް ރިކަވަރކޮށްފައިވެއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިމައްސަލާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ސޯޝަލް މީޑީއާގެ އެކި މަންސަތަކުގައި އެކި ހިދުމަތް ފޯރުކޮށްދޭކަމަށްބުނެ، ރައްޔިތުންގެ ތެރެއިން އެކަންކަމަށް ބޭނުންވާ ފަރާތްތަކުން އެހިދުމަތް ހޯދުމަށް ފައިސާ ފޮނުވުމަށް އެދެމުންދަނީ އެކި ވިޔަފާރީގެ ނަމުގައި ހުންނަ އެކައުންޓްތަކަށްކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން ޑޮލަރު މާރުކުރުމާއި ތަކެތި ވިއްކުމާއި އެހެން ބައެއް ޚިދުމަތްތައް ފޯރުކޮށްދޭނެކަމަށް ބުނެ އެހިދުމަތަށް ފައިސާ އެކި ވިޔަފާރި އެކައުންޓްތަކަށް މަކަރާއި ހީލަތުން ޖަމާކުރުވައި، އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާގެ ގޮތުގައި ނަގަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ނަގުދު ފައިސާ ނުލިބޭ ހާލަތްތަކުގައި އެފައިސާއަށްވާ މުދާ ނަގަމުންދާކަންވެސް ފާހަގަކުރެވިފައިވެއެވެ.
އެހެންކަމުން، އާންމު ރައްޔިތުންނާއި ވިޔަފާރިކުރައްވާ ފަރާތްތަކުންވެސް މިކަމަށް ހާއްސަ ސަމާލުކަން ދެއްވުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އެގޮތުން ޚިދުމަތަކަށް ފައިސާ ދެއްކުމުގެ ކުރިން ފައިސާ ފޮނުވަން ބުނާ އެކައުންޓް ނަންބަރުގައިވާ ވިޔަފާރިއަކީ އެފަދަ ޚިދުމަތެއް ފޯރުކޮށްދޭ ބައެއްތޯ ބަލައި ޔަގީންކުރުމާއި ވިޔަފާރި އެކައުންޓަށް ޖަމާވާ ފައިސާ އަނބުރާ ހޯދުމަށް ގުޅާނަމަ އެފައިސާއަކީ ކޮންގޮތަކުން ޖަމާވި ފައިސާއެއްތޯ، ފައިސާ ހަވާލުކުރުމުގެ ކުރިން ޔަގީންކުރުމާއި ސައްކުކުރެވޭ ކަމެއްވާނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށާއި ރައްކާތެރިވެ ތިބުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކެވެ.




