Saturday, November 14
މެސީގެ އިންޓަރމިއާމީ އިން ފުރަތަމަ ފަހަރަށް ކޮންފަރެންސް ތަށި ހޯދައިފި

ލިއޮނަލް މެސީގެ ލީޑާރޝިޕްގެ ދަށުން ކުޅެމުންދާ އިންޓަރ މިއާމީ ކްލަބުން، ހޮނިހިރު ދުވަހުގެ ރޭ ނިއު ޔޯކް ސިޓީއާ ދެކޮޅަށް 5-1 އިން މޮޅުވެ، އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އީސްޓަރން ކޮންފަރެންސްގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މި ކާމިޔާބީއާއެކު އިންޓަރ މިއާމީ ވަނީ އެމްއެލްއެސް ކަޕް ފައިނަލަށް ވެސް ފުރަތަމަ ފަހަރަށް ކޮލިފައިވެފައެވެ.

މެޗް ފަށައިގެން ފުރަތަމަ ދެ ގޯލު 14 ވަނަ މިނެޓާއި 23 ވަނަ މިނެޓުގައި ޖެހިއިރު، އެ ދެ ގޯލަށް އެސިސްޓް ކޮށްދިނީ ޖޯޑީ އަލްބާ އާއި ސާޖިއޯ ބުސްކެޓްސްއެވެ. މެޗުގެ 67 ވަނަ މިނެޓުގައި ސިލްވެޓީ ޖެހި ގޯލަށް އެސިސްޓް ކޮށްދިނީ މެސީއެވެ. މިއީ މެސީގެ ކެރިއަރުގައި ކްލަބާއި ގައުމީ ޓީމަށް ވެސް ހަދައިދިން 405 ވަނަ އެސިސްޓެވެ.

މިއާމީގެ ފަސް ވަނަ ގޯލު 89 ވަނަ މިނެޓުގައި އަލަންޑޭ ޖެހިއިރު، 83 ވަނަ މިނެޓުގައި ޓެލަސްކޯ ސެގޯވިއާ ޖެހި ގޯލަށް އެސިސްޓް ކޮށްދިނީ ވެސް އަލްބާއެވެ. ނިއު ޔޯކް ސިޓީގެ ހަމައެކަނި ގޯލު 37 ޖެހީ ޖަސްޓިން ހާކްއެވެ.

މިއީ މެސީ ގެ ކެރިއަރުގެ 47 ވަނަ ތަށްޓެވެ. ނަމަވެސް، ފީފާއިން އެމްއެލްއެސް އީސްޓަރން ކޮންފަރެންސްގެ ޗެމްޕިއަންކަމަކީ ރަސްމީ ތައްޓެއްގެ ގޮތުގައި ގަބޫލުނުކުރާތީ، މެސީގެ ކެރިއަރުގެ ތަށްޓަކީ އަދިވެސް 46 އެވެ. މިއާމީއިން އެމްއެލްއެސް ކަޕް ފައިނަލް ކާމިޔާބުކޮށްފިނަމަ މެސީގެ ކެރިއަރުގެ ތަށި 47 އަށް އަރާނެއެވެ.

 

އިންޓަރ މިއާމީ އެމްއެލްއެސް ކަޕް ފައިނަލުގައި ކުޅޭނީ ޑިސެމްބަރު 6 ވަނަ ދުވަހު ވެސްޓަރން ކޮންފަރެންސްގެ ޗެމްޕިއަންކަން ހޯދާ ޓީމަކާ ދެކޮޅަށެވެ. އެއީ ސެން ޑިއޭގޯ ނުވަތަ ވެންކޫވަރެވެ. މިއީ މިއާމީގެ ތާރީޚުގައި އެމްއެލްއެސް ކަޕް ފައިނަލަށް ދެވުނު ފުރަތަމަ ފަހަރެވެ.

އަށް ފަހަރުގެ ބެލޮން ޑިއޯ ހޯދައިފައިވާ މެސީ ކްލަބާ ގުޅުނުއިރު އެ ޓީމު އޮތީ އެމްއެލްއެސް ސްޓޭންޑިންގްސްގެ އެންމެ ފުލުގައެވެ. މެސީ ކްލަބާ ގުޅުނު ފަހުން މިއާމީ ވަނީ 2023 ވަނަ އަހަރު ލީގްސް ކަޕް ކާމިޔާބުކޮށް، އަދި އެމްއެލްއެސްގެ އެންމެ ރަނގަޅު ރެގިއުލަރ ސީޒަން ޓީމަށް ދޭ ސަޕޯޓަރުންގެ ޝީލްޑް ވެސް ހޯދާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު