ސްރީލަންކާގެ ހުޅަނގުއުތުރުގައި އޮންނަ ޕަންނާލާ އަވަށުގައި ފެންބޮޑުވުމާ ގުޅިގެން ތާށިވެފައި ތިބި އަށް މީހަކު އިންޑިއާގެ ކަނޑުމަތީ ސިފައިންގެ ދެ ހެލިކޮޕްޓަރުން ސަލާމަތްކޮށްފިއެވެ.
އޮފިޝަލުން ބުނާ ގޮތުގައި ސްރީލަންކާގެ އެހި ހިސާބުތަކުގައި ކުރިއަށްގެންދާ ރެސްކިއު އޮޕަރޭޝަންތަކުގައި އިންޑިއާގެ ހަތަރު ހެލިކޮޕްޓަރެއް ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި މަތިންދާބޯޓު އުފުލާ އުޅަނދެއް ކަމަށްވާ އައިއެންއެސް ވިކްރާންތުން ހަރަކާތްތެރިވަމުންދާ ދެ ހެލިކޮޕްޓަރުވެސް ހިމެނެއެވެ.
ސްރީލަންކާއަށް ބާރުގަދަ ޠޫފާނެއް އަރައި ގިނަ ބައެއް ހާލުގައި ޖެހުމާ ގުޅިގެން އެ ޤައުމުގެ ރައީސް، އަނޫރާ ކުމާރަ ދިސާނަޔާކޭ ވަނީ ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ.
ސްރީލަންކާއަށް ދިމާވެފައިވާ ކުއްލި ހާލަތާ ގުޅިގެން އަވަށްޓެރި އިންޑިއާއިން ވަނީ އަސްކަރީ ދެ އުޅަނދެއްގައި 21 ޓަނުގެ އެހީ ފޮނުވައިފައެވެ. މީގެ އިތުރުން އިއްޔެވެސް އިންޑިއާއިން ވަނީ ލަންކާއަށް ހަ ޓަނުގެ ޒަރޫރީ ތަކެތި ފޯރުކޮށްދީފައެވެ. މީގެ އިތުރުން އިންޑިއާއިން ވަނީ 80 މީހުން ހިމެނޭ ރެސްކިއު ދެ ޓީމަކާއި، ހަތަރު ހެލިކޮޕްޓަރުވެސް މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނަށް އެހީވުމުގެ ގޮތުން ފޮނުވައިފައެވެ. މީގެ އިތުރުން އިންޑިއާއިން ފޯރުކޮށްދޭ ހިލޭ އެހީގެ އިތުރު 27 ޓަނުގެ މުދާވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާއަށް އެރި ޠޫފާން ދިތުވާގައި 120 އަށް ވުރެ ގިނަ މީހުން ނިޔާވެފައިވާއިރު، އެ ޤައުމުގެ ގިނަ އިމާރާތްތަކާއި ގެތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި މި ޠޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި، ލަންކާގެ އެކި ހިސާބުތަކުގައި ވަނީ ފެންބޮޑުވެފައެވެ.






