Saturday, October 31
ކޮންޓްރެކްޓަރުންނަށް ފައިނޭންސް ދޫކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް: ބީއެމްއެލް

ކޮންޓްރެކްޓަރުންނަށް ފައިނޭންސް ދޫކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު، މުޙައްމަދު ސަޢީދު މިއަދު ވިދާޅުވީ ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކުން ފައިނޭންސް ދޫކުރަނީ ބޭންކިންގ ގާނޫނާ ޚިލާފަށްކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި، އަދި ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކައެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ބޭންކުން ލޯނުދޫކުރަމުން ދަނީ އަދި ކުރިޔަށް އޮތްތާގައި ލޯނު ދޫކުރަމުން ދާނީވެސް ދިވެހިރާއްޖޭގެ ބޭންކިންގ ގާނޫނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާ އެއްގޮތަށް، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުން ކަމަށެވެ.

އެހެންކަމުން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި މި ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ޚިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ 123 ރަށެއްގައި ޖުމުލަ 206 މަޝްރޫޢެއް ހިންގުމަށް ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. މިގޮތުން އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ބީލަމަށް ނުލައި، ސަރުކާރުން ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި ދެވޭ ގޮތަށް މާލިއްޔަތުގެ ގަވާއިދު ބަދަލުކޮށްގެންނެވެ. ނަމަވެސް ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު