ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި ބަޖެޓަށް އުނިއިތުރެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅުއްވީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުމުން މެންބަރުން ވަނީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވާފައެވެ. އެއަށްފަހު މެންބަރުންގެ މެދުގައި ނެގި ވޯޓުގައި ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް އަންނަ އަހަރަށް 64.2 ބިލިޔަން ރުފިޔާގެ ބަޖެޓު ފާސްކޮށްފައިވަނީ 74 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ، 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިޔަން ދުއިސައްތަ ދެ މިލިޔަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ. މި ބަޖެޓުގައި 40.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި ބަޖެޓު 9 ބިލިޔަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރު 8 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުން ޚަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.






