އަހުމަދު ސައީދު (އައްމަޓީ) އާއި ޝަމްވީލް ގާސިމް (ބޮންޑާ) ފުޓްބޯޅަ ކެރިއަރު ފެށި ފަހުން، ކުޅެން ފެށި އެތައް ކުޅުންތެރިންނެއް މިހާރު ރިޓަޔާކޮށްފި އެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ މިހާރު ކޯޗުންނެވެ. ނުވަތަ ފުޓްބޯޅަ ހިންގުންތެރިންނެވެ.
އެކަމަކު އައްމަޓީ އާއި ބޮންޑާ އަދިވެސް ތިބީ ދަނޑުމަތީގައި އަބަދަށްފެހި ދެ ކުޅުންތެރިންގެ ގޮތުގަ އެވެ. އައްޑޫގައި މިހާރު ކުރިއަށްދާ މުބާރާތުގައި ވެސް އެ ދެ ކުޅުންތެރިންގެ ހުނަރު އެބަ ފެނެ އެވެ.
އައްމަޓީ ފުޓްބޯޅަ ކެރިއަރު ފެށީ 1995 ގައި ނިއު ރޭޑިއަންޓުންނެވެ. އެއީ އެ ކްލަބުގެ ރަން ދުވަސްވަރެވެ. އޭގެ ފަހުން ވިކްޓްރީ އަށް ބަދަލުވުމުން، އެ ކްލަބުގައި އޭނާވީ ލެޖެންޑަކަށެވެ. އެގޮތުން ވިކްޓްރީން 2002 ގައި ގައުމީ ތަށި ދެ ވަނަ ފަހަރަށް މިލްކުކުރިއިރު އައްމަޓީ މުހިއްމު ދައުރެއް އަދާކުރި އެވެ.
ދެން ބަދަލުވީ އަނެއްކާ ވެސް ނިއު އަށެވެ. މި ފަހަރު ނިއުއާ އެކު ތާރީހުން ޖާގަ ހޯދި އެވެ. ރާއްޖޭގެ ކްލަބަކުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ 2005 ގެ އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ނިއު ދަތުރުކުރިއިރު އައްމަޓީ އަކީ އެ ޓީމުގެ ޑިފެންސް ލައިނުގެ މުހިއްމު ކުޅުންތެރިއެކެވެ.
އޭގެ ފަހުން 2008 ގައި ރާއްޖެއާ އެކު ސާފް ޗެމްޕިއަންޝިޕުގެ ރަން ކާމިޔާބީ ހޯދި އިރު އައްމަޓީ ޓީމުގައި ހިމެނުނެވެ. އަރިމަތިން ރާއްޖޭގެ ޑިފެންސް ލައިނަށް ކުޅެ، އައްމަޓީ ކުރިއަށް އަރައި އެތައް އެޓޭކެއް އުފެއްދި އެވެ.
އައްމަޓީގެ ފަހުން އައްޑޫގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ބޮންޑާ އަކީ އައްޑު އަތޮޅުގެ ވިޔަފާރިވެރިންތަކެއް 2001 ގައި އުފެއްދި އައިއެފްސީން ތައާރަފްވި ކުޅުންތެރިޔެކެވެ. ސާފް ޗެމްޕިއަންޝިޕުގައި 2005 ވަނަ އަހަރު ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ފުރަތަމަ އެގާރައަށް ޔޮރްދާން ސްޓޮއިކޯފް އޭނާ ނެރުމުން ގިނަ ބަޔަކު ހައިރާންވި އެވެ.
އެކަމަކު އެ މުބާރާތުގައި ދެއްކި ކުޅުމާ އެކު ގިނަ ބައެއްގެ ތައުރީފް ހޯދައި ގައުމީ ޓީމުގެ މަގާމް ކަށަވަރުކުރި އެވެ.
އައިއެފްސީ އަށް ފަސް އަހަރު ކުޅެ އަދި ކެޕްޓަންކަންކޮށް 2007 ގައި ނިއު ރޭޑިއަންޓަށް ބަދަލުވެ ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އެ ކްލަބާ އެކު ބޮންޑާ އެ އަހަރުގެ އެފްއޭ ކަޕް މިލްކުކުރިއިރު ފަހުން ވެސް ދެ ފަހަރެއްގެ މަތިން ނިއު އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.ފަހުން ވެލެންސިއާ އާއި ވީބީ އަށް ވެސް ކުޅުނެވެ.
އައްމަޓީ އާއި ބޮންޑާ އެ ދައްކައިދެނީ އުމުރަކީ ހަމައެކަނި ނަމްބަރެއް ކަމެވެ. ފުޓްބޯޅަ އަށް ލޯބި ހުރެއްޖެ ނަމަ، އަދި ފިޓްނަސް ހިފެހެއްޓޭ ނަމަ އުމުރަކީ ދަނޑުމަތިން ގެއްލެން އޮތް ސަބަބެއް ނޫން ކަމެވެ. އެ ދެ ކުޅުންތެރިންނަށް އެ އުމުރުގައި އެ ފެންވަރުގައި ކުޅެ ފިޓްނަސް ހިފެހެއްޓޭ ނަމަ ޒުވާން ކުޅުންތެރިންނަށް ދެއްކޭނެ އުޒުރެއް ނެތެވެ.






