Saturday, November 14
ޝަރުޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ސަޢޫދީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝަރުޢީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް މި ދާއިރާ ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ސުޕްރީމް ކޯޓާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސް އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު، ޢަބްދުލްޣަނީ މުޙައްމަދެވެ. އަދި ސަޢޫދީގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޑރ. ވާލިދު އަލް ސަމާނީއެވެ.

މި ފަހުމުނާމާގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. ސުޕްރީމް ކޯޓުން ހާމަކުރި ގޮތުގައި މި ފަހުމުނާމާގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ޝަރުޢީ ނިޒާމުތަކާ ގުޅުންހުރި ޤާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާ ކުރުމަށާއި، ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަމާއި ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށާއި، ޝަރުޢީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާ ކުރުމަށާއި، ދާއިރާއާ ގުޅޭ މަޢުލޫމާތާއި، ތަޖުރިބާ އަދި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމުގައި އެއްބާރުލުން ބަދަލު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން ހާމަކުރި ގޮތުގައި ތަޖުރިބާކާރުންނާއި ފަންނީ މާހިރުންގެ ދެމެދުގައި ޒިޔާރަތްތައް ބަދަލުކުރުމާއި އެ ފަރާތްތަކުގެ ހުނަރާއި ތަޖުރިބާ ހިއްސާކުރުމާއި، ޢިލްމީ އަދި ފަންނީ ކޮންފަރެންސްތަކާއި، ސެމިނަރތަކާއި، މަޝްވަރާ ބައްދަލުވުންތަކާއި، ތަމްރީން ޕްރޮގްރާމްތައް އަދި މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުމުގައިވެސް މި ފަހުމުނާމާގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދެވިގެންދާނެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ އިންޓަރނޭޝަނަލް ޖުޑީޝަލް ކޮންފަރެންސްގެ ހަވާސާގައި ސޮއިކުރެވުނު މި ފަހުމުނާމާ އަކީ ރާއްޖޭގެ ޖުޑިޝަރީން ޢަރަބި އިސްލާމީ ޤައުމެއްގެ ޖުޑިޝަރީއާ ދެމެދު ސޮއިކުރެވުނު ފުރަތަމަ ފަހުމުނާމާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު