Saturday, November 14
ކްލަބް ލޮތާރިން ފާހީގެ މައްޗަށް ތަފާތުބޮޑު މޮޅެއް ހޯދައިފި

އައްޑޫ ސިޓީ ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި މީދޫގެ ކްލަބްލޮތާރިން ފާހީ ސްޕޯޓްސް ކްލަބްގެ މައްޗަށް 7-0 ގެ ބޮޑު ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ވަރުގަދަ ޓީމެއްކަން ސާބިތުކޮށްދީފިއެވެ.

މެޗު ފެށުނީއްސުރެ ނިމެންދެން ލޮތަރިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި ދަމަހައްޓާފައެވެ. އަދި  ޓީމު ވޯކް މަސައްކަތާއި  ގޯލު ޖެހުމުގެ ހުނަރުވެސް ވަރަށް ފުރިހަމައަށް އެ ޓީމުން ވަނީ ދައްކާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ލޮތަރިން ވަނީ 3-0 ގެ ލީޑެއް ނަގާފައެވެ. ދެވަނަ ހާފަށް ނިކުމެ ލޮތަރިން ވަނީ އިތުރަށް ހަމަލާތައް ވަރުގަދަކޮށް، އިތުރު ހަތަރު ގޯލު ޖަހައި، މެޗުން މޮޅުވެފައެވެ.

މީދޫ އަދި ހުޅުދޫގެ ޒުވާން ކުޅުންތެރިންގެ މޮޅު ކޮމްބިނޭޝަނަކާއެކު ނުކުތް ޓީމަށް އަލަށް އިތުރުކުރި ދެ ކުޅުންތެރިންގެ ސަބަބުން ލޮތަރީގެ ކުޅުން ފެނުނީ އިތުރަށް ވަރުގަދަކޮށެވެ.

މި މެޗުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިންގެ ތެރޭގައި ފުވައްމުލަކުގެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ ޢަބްދުﷲ ރަޝީދު (ޕެލޭ) އާއި، ގައުމީ ޓީމުގެ ކެޕްޓަން ޢަލީ ފާސިރު (ސެންޓޭ) ގެ ބޭބެ މުޙައްމަދު ފާސިރު ހިމެނެއެވެ. އެ ދެ ކުޅުންތެރިންގެ ޓެކްނިކަލް ގާބިލުކަމާއި މުހިންމު ވަގުތުތަކުގައި ދެއްކި ހުނަރުގެ ސަބަބުން ލޮތަރީގެ އެޓޭކިން ކުޅުން ފެނުނީ ތަފާތުބޮޑުކޮށް މޮޅުކޮށެވެ. މި ދެ ކުޅުންތެރިންގެ ސަބަބުން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިއަދުގެ މެޗުން މޮޅުވުމުގައިވެސް އެކަމުގެ އަސަރު ވަނީ ފެނިފައެވެ.

މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު (މޭން އޮފް ދަ މެޗް) ލިބުނީ އިޔާން އަށެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ 3 ގޯލްޖަހާފައެވެ

މިއަދުގެ މެޗުން ލިބުނު ކާމިޔާބާއި އެކު ލޮތަރިން ވަނީ މުބާރާތުގެ ތެރޭގައި ސީރިއަސް ޗެލެންޖެއް ކުރާނެ ޓީމެއް ކަން ސާބިތުކޮށްފައެވެ. ކުރިއަށް އޮތް މެޗުތަކުގައި ވެސް މި ޓީމުގެ ފަރާތުން ހުނަރުވެރި ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު