ޕްރިމިއަރ ލީގުގެ މި ހަފްތާ ބަންދުގައި ވަނީ ބޮޑެތި ނަތީޖާތަކެއް ފެނި، ލީގުގެ ތާވަލަށް މުހިއްމު ބަދަލުތަކެއް އައިސްފައެވެ. އެންމެ ސިއްސުވައިލި ނަތީޖާ އަކީ ލިވަރޕޫލްގެ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން ލިވަރޕޫލް ބަލިވުމެވެ. މީގެ އިތުރުން، ނިއުކާސަލް ޔުނައިޓެޑްވެސް ވަނީ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިކޮށް، ލީގުގެ ރޭހަށް އިތުރު ފޯރިއެއް ގެނެސްދީފައެވެ.
ލިވަރޕޫލަށް މި ހަފްތާ ބަންދުގައި ކުރިމަތިވީ މިފަހުން އެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީއެކެވެ. އެންފީލްޑްގައި ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް އަތުން 3-0 ގެ ބޮޑު ނަތީޖާއަކުން ބަލިވުމަކީ ކޯޗަށް ވެސް ޕްރެޝަރު ބޮޑުވި ކަމެކެވެ. ލިވަރޕޫލްގެ ފެންވަރު ދަށްވެފައިވާ މި ދަނޑިވަޅުގައި، ލީގުގެ ތާވަލުގައި އެ ޓީމު އޮތް މަގާމަށް މި ނަތީޖާއިން ވަނީ އިތުރު ހީނަރުކަމެއް ގެނެސްފައެވެ.
މި ހަފްތާ ބަންދުގައި އެންމެ ގިނަ ބަޔަކު ސަމާލުކަން ދިން މެޗަކީ ސްޓް. ޖޭމްސް ޕާކްގައި ކުޅުނު ނިއުކާސަލް ޔުނައިޓެޑް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗެވެ. ނިއުކާސަލް މި މެޗުން 2-1 ގެ ނަތީޖާއަކުން ކުރި ހޯދިއިރު، އެ ޓީމުގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ހާވޭ ބާންސްއެވެ. މިއީ ލީގުގެ އެއްވަނައަށް އެރުމަށް ސިޓީއަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. ނިއުކާސަލްގެ މި މޮޅާއެކު ލީގުގެ ރޭސް ވަނީ އިތުރަށް ހުޅުވިފައެވެ.
ލީގުގެ ތާވަލުގެ ކުރީގައި ތިބި ޓީމުތަކަށްވެސް މުހިއްމު ބަދަލުތަކެއް އައިތަން މިހަފްތާގައި ފެނިގެންދިޔައެވެ. މިގޮތުން ޗެލްސީ ވަނީ ބާންލީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ، ލީގުގެ ދެވަނަ މަގާމަށް އަރާފައެވެ. ކްރިސްޓަލް ޕެލަސް ވެސް ވަނީ ވުލްވްސް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ، ލީގުގެ އެންމެ ގަދަ ހަތަރު ޓީމުގެ ތެރެއަށް ވަދެފައެވެ.އަދި އެޓީމުންވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އުންމީދު އާކޮށްފައެވެ.
އެހެން މެޗުތަކަށް ބަލާއިރު، ބްރައިޓަން ވަނީ ބްރެންޓްފޯޑް އަތުން 2-1 އިން މޮޅުވެ، ލީގުގެ ތާވަލުގައި މައްޗަށް ޖެހިލާފައެވެ. މި މެޗުގައި މޮޅުވުމަށް އެންމެ މުހިއްމު ކަމަކަށްވީ އިތުރު ވަގުތުގައި ޕެނަލްޓީއެއް ސަލާމަތްކުރެވުމެވެ. ފުލަމް އާއި ސަންޑަރލޭންޑް ބައްދަލުކުރި މެޗުން ފުލަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މޮޅު ގެނެސްދިނީ މެޗުގެ ފަހުކޮޅު ރައުލް ހިމެނޭޒް ޖެހި ގޯލެވެ. މީގެ އިތުރުން، ބޯންމައުތު ވަނީ ވެސްޓް ހަމް އަތުން 2-0 ގެ ލީޑެއްގައި އޮވެ، 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، މުހިއްމު ދެ ޕޮއިންޓް ގެއްލިފައެވެ.





