Saturday, November 14
ސަބަޓީގެ ހިތްގައިމު އެސިސްޓުން މައިލޯ ސިޓީން މަރަދޫ ބަލިކޮށްފި !

އައްޑޫ ސިޓީ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މައިލޯ އެފްސީން، މުބާރާތުގެ ފުރަތަމަ މެޗުގައި މަރަދޫ އެފްސީއާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ. މި މެޗަކީ ފަހު ވަގުތާ ހަމައަށް ވެސް ވަރަށް ވާދަވެރިކޮށް ކުރިއަށްދިޔަ މެޗެކެވެ. މައިލޯއަށް މި މޮޅު ހޯދައިދިނީ ދިގު މުއްދަތަކަށް އަނިޔާގައި ހުރެފައި އެނބުރި އައި ސަބާހު (ސަބަޓީ) ދިން ހިތްގައިމު އެސިސްޓަކުން ހާޒިމް ރިއްފާޒް (މަޓާ) ޖެހި ހަމައެކަނި ލަނޑުންނެވެ.

އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފެށުން ރަނގަޅުކުރީ މަރަދޫ އެފްސީންނެވެ. މެޗް ފަށައިގެން އެޓީމުގެ 16 އަހަރުގެ ފޯވާޑް ޒާކީ މުޖުތަބާ މައިލޯގެ ޑިފެންސަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވިއެވެ. ނަމަވެސް 4، 18، އަދި 23 ވަނަ މިނެޓުގައި ޒާކީއަށް މުހިންމު ފުރުސަތުތަކެއް ގެއްލުނެވެ. މައިލޯއިން ލީޑު ނެގީ ފުރަތަމަ ހާފުގެ ތެރޭގައި ހިލޭ ޖެހުމަކުންނެވެ. ސަބަޓީ މަރަދޫ އޭރިޔާ ބޭރުން ނަގައިދިން ހިތްގައިމު ހުރަހެއް، މަޓާ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލިއިރު މަރަދޫގެ ޑިފެންސްއަށް ތިބެވުނީ ގޮތްހުސްވެފައެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ލަނޑު ޖެހުމުގެ ރަނގަޅު ފުރުސަތުތައް ލިބުނެވެ. 48 ވަނަ މިނެޓުގައި މައިލޯއިން ކޯނަރަކުން ގޯލާ ކައިރިކުރިއިރު، 53 ވަނަ މިނެޓުގައި މައިލޯގެ ޝަޔާން ދިން ތުރޫ ޕާހެއް ނަޝީދަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. މައިލޯގެ ކޯޗު ދިމްނާހު 60 ވަނަ މިނެޓުގައި ޝަޔާން ބަދަލުގައި ތަޖްރިބާކާރު ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ކުޅެން އެރުވިއެވެ. 65 ވަނަ މިނެޓުގައި ބޮންޑާ، ސަބަޓީ އަދި މުބީން (މުއްކި) ގުޅިގެން އުފެއްދި ހަމަލާއެއް ނަޝީދަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ޖެހުނީ ގޯލްގެ ތިރީ ދަނޑީގައެވެ.

މެޗުގެ އެންމެ ފަހުކޮޅު މަރަދޫއިން ވަރުގަދަ ފިއްތުންތަކެއް މައިލޯގެ ފަހަތަށް ކުރިމަތިކުރިއެވެ. އެގޮތުން 79 ވަނަ މިނެޓުގައި މައިލޯގެ ފަހަތަށް ހެދުނު ގޯހެއްގެ ތެރެއިން މަރަދޫގެ ޝަމާލް ބޯޅަ ހިފައިގެން ކުރިއަށްގޮސް މައިލޯގެ ނަދީމް ކައިރިން ނައްޓާލާފައި ފޮނުވާލި ބޯޅަ ޖެހުނީ ގޯލުގެ ތިރީ ދަނޑީގައެވެ. ދަނޑީގައި ޖެހިފައި އަނބުރާ އައި ބޯޅަ މަރަދޫގެ ކުޅުންތެރިއަކަށް ލިބުނު ނަމަވެސް ފަހަތުން އައި މައިލޯގެ ކުޅުންތެރިޔާ ގައިގާ ޖެހިފައި އޭރިޔާ ތެރެއަށް ވެއްޓުނެވެ. މަރަދޫ ބެންޗުން މި ފައުލް ޕެނަލްޓީއަކަށް އެޕީލް ކުރި ނަމަވެސް ރެފްރީ ނިންމީ ފައުލްއެއް ނޫން ކަމަށެވެ.

ހާޒިމް ފައުޒީ، މެޗުގެ މޭންއޮފްދަ މެޗް ފޮޓޯ :މައިލޯ އެފްސީ އެފްބީ ޕޭޖް

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ މެޗްގައި މެދުތެރެ ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދެއްކި މައިލޯގެ ހާޒިމް ފައުޒީއަށެވެ. މެޗަށްފަހު މަރަދޫގެ ކޯޗު އަލީ ހަނީޒް (ބޮއްކާ) ބުނީ އޭނާގެ ޓީމުގެ މަސައްކަތަށް ތައުރީފުކުރާ ކަމަށާއި، ލިބުނު ޗާންސްތައް ނުނިމުނީ ކަމަށާއި ކުރިއަށް އޮތް މެޗުތަކުގައި ރަނގަޅު ކުރާނެ ކަމަށެވެ. މައިލޯގެ ކޯޗު ދިމްނާ ބުނީ މޮޅުވުމުން އުފާވާ ކަމަށާއި ކުރަން އައި ކަން ވީ ކަމަށާއި ނަމަވެސް ކުރިއަށް އޮތް މެޗުތަކުގައި ޓީމުގެ ކުޅުން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

މުބާރާތުގެ މެޗުތައް މިއަދު ވެސް ކުރިއަށްދާނެއެވެ. މިއަދު ހަވީރު އައްޑޫ ޒޯން ސްޓޭޑިއަމްގައި ބައްދަލުކުރާނީ ފޭދޫ ފާހި އާއި މީދޫ ލޮތާރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު