ސުލޫކީ މައްސަލަތައް ބެލުމުގައި ސަމާލުކަން ދެނީ ވަކި ކޯޓެއްގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް ޢަމަލުކުރުމަކަށް ނޫން ކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކީ ރައްޔިތުން އިތުބާރުކުރާ، ޢަދުލުއިންޞާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ ތަނަކަށް ހެދުމަކީ އެ ކޮމިޝަންގެ ޒިންމާ އާއި މަސްއޫލިއްޔަތުކަމަށް ވާއިރު، ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގާ، އަވަސްކަމާއެކު އިންސާފު ފޯރުކޮށްދޭ ފަރާތްތަކަކަށް ޝަރުޢީ ކޯޓުތަކުގައި މަސައްކަތްކުރައްވާ އެންމެހައި ފަނޑިޔާރުން ވާންޖެހޭ ކަމަށެވެ.އަދި މިމަޤްޞަދު ޙާޞިލްކުރުމަށް ފަނޑިޔާރުންނާމެދު ހުށަހެޅޭ ޝަކުވާތައް ބަލައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބަލައި، ތަމްރީން ދީ، ވަކީން ޚާއްޞަ ގޮތެއްގައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، ފަނޑިޔާރުންގެ މަސައްކަތާއި ގުޅޭ އިދާރީ އިންތިޒާމްތަކާއި ކަންކަން ހަމަޖެހިފައިވޭތޯ ދުވަހުން ދުވަހަށް ކަށަވަރުކުރަމުންދާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
މީގެ އިތުރުން ޖޭއެސްސީން ބުނީ އެ ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ސަމާލުކަންދެނީ ވަކިކޯޓެއްގެ ފަނޑިޔާރަކަށްވީތީ، ވަކިގޮތަކަށް ޢަމަލުކުރުމަކަށް ނޫން ކަމަށާއި، އެއީ ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށް ވީނަމަވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ އަލީގައި މަޢުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަކަށް ނިންމާފައެއް ނުވާނެ ކަމަށެވެ.
ޖޭއެސްސީން ބުނީ އެކަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން ކަށަވަރުކޮށްދޭ ކަމަށާއި، އެގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 176 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ތަޙްޤީޤު ކުރަން ނިންމާފައިވަނީ 57 ޝަކުވާ ކަމަށެވެ. އަދި ސުލޫކީ މައްސަލަ ބެލުމަށްފަހު، ސާބިތުވެ، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ 6 ފަނޑިޔާރުންނަށް ކަމަށާއި، އެއީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 3.4 އިންސައްތަ ކަމަށްވާއިރު، އެއީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތުން ބަލާނަމަ މަދު އަދަދެއް ކަމަށެވެ.
"ކޮމިޝަނުން ސަމާލުކަން ދެނީ ހުށަހެޅިފައިވާ ޝަކުވާއާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށް. ވަކި ފަނޑިޔާރަކަށް، ވަކި ކޯޓަކަށް ނިސްބަތްވުމުން ތަޙްޤީޤުކުރުމަކަށް ނޫން. އެހެންކަމުން ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުކުރާކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މަޢުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް މިކޮމިޝަނުން ނުދެކެން"، ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.






