މާލީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޯރަސްގެ ފަރާތުން "އައުޓްސްޓޭންޑިންގ އެޗީވްމަންޓް އޮފް ދަ އިޔަރ އިން ފައިނޭންޝަލް އިންކްލޫޝަން"ގެ ޝަރަފުވެރި އެވޯޑު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެއެވެ.
މި އެވޯޑު ބީއެމްއެލް އަށް ދީފައިވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިންގ ޚިދުމަތް ގާއިމުކޮށް، މާލީ ބައިވެރިވުން އިތުރުކުރުމަށް ކުރެވުނު ހަރުދަނާ މަސައްކަތަށް، ދުބާއީގައި ބޭއްވި ރީއިންވެންޓް ފޯރަމް 2025 ގައިެވެ. ބޭންކުން މި މަޝްރޫއު ނިންމާލާފައި ވަނީ 28 އޮކްޓޫބަރު 2025 ގައެވެ. މި މަޝްރޫއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް-ސަރވިސް ބޭންކިން ޚިދުމަތް ބީއެމްއެލް އިން ވަނީ ގާއިމުކޮށްފައެވެ. "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމް ބަހައްޓައި، އެތައްހާސް ދިވެހީންނަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް ގާއިމުކޮށްފައި ވެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އަގުވަޒަންކޮށް، މި އެވޯޑު ލިބުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.
" މިކަމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ މި މަޝްރޫއުގެ މުހިންމުކަމާއި ބޭނުންތެރިކަން. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޚިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް އަދި އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ޚިދުމަތެއް ފޯރުކޮށްދިނުން"، ޝަރީފް ވިދާޅުވިއެވެ.
ކޯރަސް އަކީ މާލީ ދާއިރާގައި ދުނިޔޭގެ އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ. އަދި މީގެ އިތުރުން ކޯރަސްއަކީ ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމެއްގެ 1200 މާލީ އިދާރާގެ ފުރިހަމަ ތާއީދު ލިބިފައިވާ ބްރޭންޑެކެވެ.






