ކެރިބިއަން ކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ކިއުރަސާއޯއިން ވަނީ ފުޓްބޯޅައިގެ ތާރީޚު އަލުން ލިޔެފައެވެ. ދުނިޔޭގެ ގިނަ ސިޓީތަކަށް ވުރެ ކުޑަ މި ގައުމަކީ، ޖެމެއިކާއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވުމާއެކު، ތާރީހުގައިވެސް ފިރިހެން ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ކުޑަ ގައުމެވެ.
އެންމެ 156،115 މީހުންގެ އާބާދީއެއް އޮންނަ މި ކުޑަކުޑަ ގައުމުގެ ކާމިޔާބީއަކީ، ކޮންކަކާފް ސަރަހައްދަށް އެކަނި ހާއްސަ ހަބަރެއް ނޫނެވެ. މުޅި ދުނިޔެއަށް ފަތުރާލި މި ހަބަރަކީ، ފުޓްބޯޅައިގެ ފޯރިގަދަ ކުޑަ ގައުމުތަކަށް ލިބިގެންދާ ވަރަށް މުހިންމު ފިލާވަޅެކެވެ.
މިއީ ފުޓްބޯޅަ ފޯރި ގަދަ ދިވެހިރާއްޖެ ފަދަ ގައުމުތަކަށް ލިބިގެންދާ ފިލާވަޅުތަކެއްގެ އިތުރުން ސަމާލުވުމުގެ އިންޒާރެކެވެ. ކިއުރަސާއޯގެ ހުރިހާ ރައްޔިތުން ލިބުނު މި ކާމިޔާބީ ފާހަގަކޮށް އުފާފާޅުކުރަމުންދާއިރު، ދިވެހި ސަޕޯޓަރުން އަނެއްކާވެސް ތިބީ ސުވާލުތަކަކާ އެވެ. ކުރަސާއޯއަށް އެ ކުރިއެރުން ލިބުނީ ކިހިނެއްތޯ އާއި، އަޅުގަނޑުމެންނަށް އެފަދަ ކާމިޔާބެއް ނުލިބުނީ ކީއްވެގެންތޯ އެބަ ސުވާލުކުރެއެވެ.
ކިއުރަސާއޯއަށް ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ހަމައެކަނި ނަސީބެއް ނޫނެވެ. އެއީ ހަރުދަނާކަމާއި، ފަންނީ ކުޅަދާނަކަމާއި، ރޭވުންތެރި ކަމުގެ ނަތީޖާއެކެވެ. ޓީމުގެ ކުރިއެރުމުގެ ބިންގާ އެޅުނީ ޔޫރަޕްގެ އެންމެ ތަޖުރިބާކާރު ކޯޗުންގެ ތެރޭގައި ހިމެނޭ ޑަޗް ކޯޗު ޑިކް އެޑްވޮކާޓްގެ އިރުޝާދުގެ ދަށުންނެވެ. އަމިއްލަ ސަބަބުތަކާ ހުރެ ފައިނަލް މެޗުގައި ބައިވެރިވެވަޑައި ނުގަތް ނަމަވެސް، އެޑްވޮކާޓް ވަނީ ޓީމުގެ ސިކުނޑި އަލުން ބައްޓަންކުރައްވައިފައެވެ. ރޭވުންތެރި، އަމިއްލަ ނަފްސަށް އިތުބާރު ކުރާ، އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭނެ ޓީމަކަށް ޓީމު ހަދާފައެވެ.
ކިއުރަސާއޯ އިން ވަނީ އެޤައުމުގެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރަށްވެހިންގެ ފައިދާ ނަގާފައެވެ. ޔޫރަޕްގެ އެންމެ މަތީ އެކަޑަމީތަކުގައި ތަމްރީނު ލިބިފައިވާ ޖުނިނިއޯ އާއި ލިއަންޑްރޯ ބަކުނާ، ޓާހިތު ޗޮންގް، އަދި ސޮންޓްޖޭ ހެންސަން ފަދަ ކުޅުންތެރިން ވަނީ މިފަދަ ކުޑަ ޤައުމަކުން މަދުން މެނުވީ ނުފެންނަ ހުނަރުތަކެއް ގެނެސްދީފައެވެ. އެމީހުންގެ ދަތުރުގައި ބަރްމޫޑާ އަތުން 7-0 އިން ބޮޑު ކާމިޔާބީއެއް ހޯދިއިރު، ގްރޫޕް ބީ ގައި ކިއުރަސާއޯ ނިންމާލީ 12 ޕޮއިންޓާއެކު އެއްވަނައިގައި ބަލިނުވެއެވެ. މި ކާމިޔާބީއަކީ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކަނޑައެޅި ސާފު ލަނޑުދަނޑިތަކާއި، ހަރުދަނާ ލީޑަޝިޕްގެ ނަތީޖާއެކެވެ.
އިންޑިއާ ކަނޑުގެ އަނެއް ފަރާތުގައި އޮތް، 529،676 މީހުންގެ އާބާދީއެއް އޮންނަ ދިވެހިރާއްޖެއިން ހުށަހަޅަނީ ކިއުރަސާއޯގެ ކާމިޔާބީއާ މުޅިން ތަފާތު، އެހާމެ ހިތާމަވެރި ވާހަކައެކެވެ. 2008 އިން 2018 އާ ދެމެދު ރެޑް ސްނެޕާސް އަކީ ދެކުނު އޭޝިއާގައި ފަޚުރުވެރި ބާރެކެވެ. އިންޑިއާ ބަލިކޮށް، ޗެމްޕިއަންކަން ހޯދައި، ކުރިއަށްވުރެ ބޮޑެތި ކާމިޔާބީތައް ހޯދުމުގެ ގާބިލުކަން އެއް ޒަމާނެއްގައި ދިވެހިރާއްޖެއަށް ލިބިފައިވެއެވެ. ނަމަވެސް، ކިއުރަސާއޯގެ ކުރިއެރުމާ އަޅާބަލާއިރު، ދިވެހި ފުޓްބޯޅަ މިހާރު ދަނީ ފަނޑުވެ، ކުރިއެރުމަށް ގިނަ ހުރަސްތަކެއް ދިމާވަމުންނެވެ. މި ދެ ގައުމުގެ ތަފާތުތަކުން ދައްކުވައިދެނީ، ކުޑަ ގައުމުތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއެރުމަށްޓަކައި، ހަމައެކަނި އާބާދީގެ ކުޑަކަމަކީ ހުރަހެއް ނޫންކަމާއި، ހަރުދަނާ ވިސްނުމާއި، ފަންނީ ލީޑަޝިޕްގެ މުހިންމުކަމެވެ.







