Saturday, October 31
މާލޭގައި އަޅާ ވަޤްފު ޢިމާރާތުގެ ބިންގާ އަޅައިފި

މާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤްފު ޢިމާރާތް 'ދާރުލްއަރްޤަމް’ގެ ބިންގާ އަޅައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މާލެ ހެންވޭރު 64 ނަމްބަރު ކޮށީގައި 12 ބުރިއަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. މީގެ އިތުރުން އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެއެވެ. މީގެ އިތުރުން އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ޤާއިމްކުރާ ބައެކެވެ.

މީގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރާނެއެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު