ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓަރކާޑާ ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، ބީއެމްއެލް އީއެންވީ ޕީއޯއެސް އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބީއެމްއެލް މާސްޓަރކާޑުގެ ޕާސަނަލް ކާޑުތަކުން ކުރާ ޓްރާންސެކްޝަންތައް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެ ކަމަށެވެ.
މި ޕްރޮމޯޝަން ނިމުމުން، މާސްޓަރކާޑުން ފޯރުކޮށްދޭ ހާއްސަ ފުރުސަތަކުން އަންނަ އަހަރު ޕެރިހުގައި ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕީއެސްޖީ އަދި ނިއުކާސަލް ވާދަކުރާ މެޗު ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ 2 ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ގްރޭންޑް ވިނަރގެ ގޮތުގައި ހޮވޭ ފަރާތަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް 4 ދުވަހުގެ ދަތުރެއް ލިބޭނެއެވެ. އަދި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓެލްއެއްގައި ހުރުމުގެ ފުރުސަތުގެ އިތުރުން ގައިޑެޑް ޓުއަރ އެއް ލިބޭނެއެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގައި ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް 3 ދުވަހުގެ ދަތުރެއް ލިބޭނެއެވެ. އަދި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓެލްއެއްގައި ހުރުމުގެ ފުރުސަތު ލިބޭނެއެވެ.
މާސްޓަރކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރ އެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. އެގޮތުން ބީއެމްއެލްއިން މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރެއެވެ. އަދި މާސްޓަރކާޑާ ގުޅިގެން މިފަދަ ޕްރޮމޯޝަންތަކުން ކަސްޓަމަރުންނަށް އަގުހުރި ތަޖުރިބާތައް ފޯރުކޮށްދެއެވެ.






