Saturday, October 31
މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޑީޑަބްލިއުސީޕީ ތަންފީޒުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގައި މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކޮށް، ޝަރަފުވެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްޢިއްޔާތަކާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތައް އަދި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ޖަމްޢިއްޔާ (އައިއެލްއޯ) އާ ދެމެދު "ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް" (ޑީޑަބްލިއުސީޕީ) 2025-2031 ތަންފީޒުކުރުމާ ގުޅޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އިއްޔެ ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަބުރުވެރި މަސައްކަތުގެ ޕްރޮގްރާމްތައް ކުރިއެރުވުމާއި، މަސައްކަތްތެރިންގެ ހައްޤުތަކަށް އިސްކަންދީ، އިންސާފުވެރި އަދި އެއްވެސް ތަފާތުކުރުމެއް ނެތް މަސައްކަތުގެ މާހައުލެއް ބިނާކުރުން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މް.އޯ.ޔޫގައި ސޮއިކުރުމާއެކު، މި އެމް.އޯ.ޔޫގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވަނީ ދިވެހިރާއްޖެއަށް ޚާއްޞަކުރެވިފައިވާ ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް 2025-2031 ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމަށް އިޤްރާރުވެފައިވާ ކަމަށާއި، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ލޭބަރ މާކެޓްގެ ހުރިހާ ދާއިރާއަކަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.

ޑީޑަބްލިއުސީޕީގެ ދަށުން އިސްކަންދޭ މުހިންމު ތިން ދާއިރާއެއް ކަނޑައަޅާފައިވެއެވެ. އެއީ ހުރިހާ އެންމެންނަށް ހިއްސާކުރެވޭ ތަނަވަސްކަމާއި ޝާމިލުކުރުވަނިވި އިންސާނީ ތަރައްޤީ ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ ލޭބަރ ސްޓޭންޑަރޑްތައް ތަސްދީގުކުރުން އިތުރުކުރުމާއި، މިންތިއާއި ގިންތީގެ ހަމަހަމަ ޤައުމީ ސިޔާސަތުތަކާއި ޤާނޫނުތަކުގެ ތެރެއިން އެކަންކަން ތަންފީޒުކުރުން އަދި ޖެންޑަރ ރެސްޕޮންސިވް ޓްރައިޕާޓިޒަމް އަދި އިޖްތިމާޢީ މަޝްވަރާގެ ނިޒާމުތަކާއި، އިޖުރާއަތްތަކާއި، ޤާބިލިއްޔަތުތައް ހަރުދަނާކުރުމެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ބައިނަލްއަޤްވާމީ ފެންވަރުގެ މަސައްކަތުގެ މިންގަނޑުތަކަށް ރާއްޖެ ތަބާވުމަށް މަގުފަހިވެ، މަސައްކަތްތެރިންނަށް ރައްކާތެރިކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމަށް މި ޕްރޮގްރާމް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު