Friday, November 13
ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓްގެ %91 މަސައްކަތް ނިމިއްޖެ

މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓްގެ %91 މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މަގުގެ ސަބް-ގްރޭޑްގެ މަސައްކަތް ނިންމުމަށްފަހު، އޭބީސީ އަޅައި ކެރިޖްވޭ ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ޚިދުމަތްދޭ އެކި ލައިންތައް އެޅުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައިވާ ކަމަށާއި، ދުވާރު ހެދުމުގެ މަސައްކަތުގެ %87 ވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމްކުރުމާއި، ފެން ހިންދާ ނިޒާމެއްވެސް ޤާއިމްކުރަން ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، ޑްރެއިނޭޖް ސަރވިސް ލައިން އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.

މިއީ 144.50 މިލިއަން ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު