Monday, November 2
މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދެ ގޮނޑިކޮޅު ސަރުކާރާއި ހަވާލުކުރައްވައިފި

ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރެއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވި ބޭފުޅުން އިށީންދެވަޑައިގެން އިންނެވި ދެ ގޮނޑިކޮޅު ދިވެހި ސަރުކާރާ ހަވާލުކުރައްވައިފި އެވެ.

ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިކޮޅުތައް ރަސްމީކޮށް ޙަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނިކޮލަސް ޑޭވިޑް ލޯ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ގޮނޑިކޮޅުތަކާ ޙަވާލުވެވަޑައިގަތީ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަދި މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވެސްބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ އެ ގޮނޑިކޮޅުތަކަކީ ދިވެހިރާއްޖެ މިނިވަން ސިޔާދަތީ ދަޢުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ މުހިންމު ހަނދާނެއް ކަމުގައެވެ. އަދި މިފަދަ މާނަފުން ހަދިޔާއަކުން ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭކަމުގައި ވިދާޅުވެ އިނގިރޭސިވިލާތުގެ ސަރުކާރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްވެރިންނާއި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު