ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤްފު ޢިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުއާރުސީ) އާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޚީމްއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި 12 ބުރިއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. ޢިމާރާތުގެ ބޭސްމަންޓުގައި ޚާއްސަ ޕާކިންގ ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު ގްރައުންޑް ފްލޯގައި ހުންނާނީ ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކުރެވިފައެވެ. އަދި ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފަންގިފިލާއިން ބާރަވަނަ ފަންގިފިލާއަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީންގ ރޫމް ޤާއިމް ކުރެވޭނެ ކަމަށާއި، ޢިމާރާތުގެ ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ ހޯލު ހެދުމަށް ހަމަޖެހިފައިވާއިރު (މަލްޓި-ޕަރޕަސް ހޯލް) ފުރާޅު ނުވަތަ ރޫފްޓޮޕްއަކީ ހުޅުވާލެވިފައިވާ ޓެރަސްއެއް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
އަދި މި އިމާރާތުގައި ޑޭ ކެއާރ ސެންޓަރެއް ތަރައްޤީ ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރާނެއެވެ.
24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 244,508,842.00 ރުފިޔާއެވެ. މި މަޝްރޫޢު ނިންމުމަށްފަހު 5 އަހަރު ދުވަހަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތް އާރުސީސީން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫޢެކެވެ.
އިސްލާމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އިމާރާތުން އަހަރަކު 52 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު އާމްދަނީގެ 20 އިންސަައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ދާރުއްސަލާމްގެ އިތުރުން މާލޭގައި ޢިމާރާތް ކުރާ ދާރުލްއަރްޤަމް ވަޤްފު ޢިމާރާތުގެ މަސައްކަތްވެސް ވަނީ އާރުސީސީއާ ހަވާލުކޮށްފައެވެ.






