2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގެ ރޭހުން ނައިޖީރިއާގެ ސުޕަރ އީގަލްސް ކަޓައިފިއެވެ. ނައިޖީރިއާ ކަޓާފައިވަނީ އެފްރިކާގެ ޕްލޭ-އޮފްސް ފައިނަލްގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ) އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމާ ގުޅިގެންނެވެ.
އާދިއްތަ ދުވަހު ކުޅުނު މި މެޗުގެ ނަތީޖާއާއެކު، ކެނެޑާ، އެމެރިކާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތަށް އެނބުރި އައުމަށް ނައިޖީރިއާ ކުރި އުންމީދުތައް ވަނީ ފަނާވެފައެވެ.
ރާބާތުގެ މޫލޭ ހަސަން ސްޓޭޑިއަމްގައި ކުޅުނު މި ވާދަވެރި މެޗުގެ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައިވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ، މެޗުގެ ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޝޫޓްއަކަށް ގޮސްފައެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި 3-4 ގެ ނަތީޖާއަކުން ނައިޖީރިއާ ބަލިވުމުން، ސުޕަރ އީގަލްސްއަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެއްކޮށް ގެއްލިގެން ދިޔައީއެވެ.
މެޗު ފެށުނުތަނާހެން ނައިޖީރިއާ މެޗުން ކުރި ހޯދާފައިވަނީ މެޗުގެ ތިން ވަނަ މިނެޓު ތެރޭގައި މިޑްފީލްޑަރު ފްރޭންކް އޮނިޔެކާ ޖެހި ލަނޑުންނެވެ.މި ލަނޑަކީ ޓީމުގެ އިތުބާރު އިތުރުކޮށްދިން ކަމެއް ނަމަވެސް، ޑީއާރް ކޮންގޯއިން ވަނީ މޮޅު ކުޅުމެއް ދައްކައި ، މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ ނަތީޖާ އެއްވަރުކޮށް، އިތުރު ވަގުތަށް ގެންގޮސްފައެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ޑީއާރް ކޮންގޯ ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ނައިޖީރިއާއަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީއެވެ. މި ނަތީޖާއާއެކު ޑީއާރް ކޮންގޯ ވަނީ އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރކޮންޓިނެންޓަލް ޕްލޭ-އޮފްސްގެ އެފްރިކާގެ ހަމައެކަނި ޖާގަ ކަށަވަރުކޮށްފައެވެ. މި ނަތީޖާއަކީ ނައިޖީރިއާގެ ފުޓްބޯޅައިގެ އުންމީދުތަކަށް ލިބުނު ބޮޑު ހީނަރުކަމެކެވެ.
މި މެޗުން ނައިޖީރިއާ ބަލިވުމާއި ގުޅިގެން ސުޕަރ އީގަލްސްއަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނީއެވެ. މީގެ ކުރިން 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕަށް ވެސް އެ ޓީމު ކޮލިފައިވެފައެއް ނުވެއެވެ. މި ނަތީޖާއަކީ ނައިޖީރިއާގެ ފުޓްބޯޅައަށް ލިބުނު ބޮޑު ހިތްދަތިކަމެކެވެ.






