ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ނިންމަވައި، އެކަން ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޭންކުގައި އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގެ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
މިކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ، ބީ.އެމް.އެލް.އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެ ބޭންކާއެކު މަޝްވަރާ ކުރެވިފައިވާކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %12 އިން %10 އަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމުގެ އިތުރުން ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %9 އިން %8 އަށް ކުޑަ ކުރުން، އެއީ ކުރެވިދާނެކަމެއްކަމަށް ބީ.އެމް.އެލް. އިން މަޢުލޫމާތު ދެއްވާފައިވާކަމުގައި ވިދާޅުވިއެވެ. އަދި މިއާއެކު، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ދަންނަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.






