ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މި ބަޔަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ. ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި މި ބަލިން ރައްކާތެރިވުމަށް ރަނގަޅު އާދަތައް ގެންގުޅެން ޖެހޭކަން ފާހަގަކުރެއްވިއެވެ.
ގައިގައިން ނާރާ ބަލިތަކުން ރައްކާތެރިވުމަށް ޞިޢްޙީ ރަނގަޅު އާދަތައް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ޞިއްޙަތަށް ސަމާލުވުމަށާއި ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ އެމަނިކުފާނު ވަނީ ގޮވާލައްވަފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުމަށް އަމިއްލަ ޖަމާޢަތްތަކައި ފަރުދުންގެ ފެންވަރުގައި ކުރައްވާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިންނަކީ ބަލިތަކާއި ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު މިގޮތަށް ފާހަގަކުރާ ދުވަސްތަކުގައި އައު ކުރަން ޖެހޭ ކަމަށެވެ.
14 ނޮވެންބަރަކީ ކޮންމެ އަހަރެއްގެވެސް ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި "ދުނިޔޭގެ ހަކުރުބަލީގެ ދުވަސް" ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ހަކުރުބަލި – ހަޔާތުގެ އެކި މަރުހަލާގައި" "Diabetes Across Life Stages" އެވެ. މި ޝިޢާރު އަމާޒުކުރެވިފައިވަނީ، ހަޔާތުގެ ކޮންމެ މަރުހަލާއެއްގައި ހަކުރު ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ލިބެންޖެހޭ ފަރުވާ ހޯދަދެވޭ، އެކަމަށް މަގުފަހި ކޮށްދޭ ސިޔާސަތާއިދުޅަހެޔޮ ވެއްޓެއް ބިނާ ކުރުމަށެވެ.
ހަކުރު ބައްޔަކީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށްވުރެ މަތިވުމުން ދިމާވާ ޞިއްޙީ މައްސަލައެކެވެ. ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެއެވެ، އެއީ "ޓައިޕް 1 ޑައިބެޓީސް" އަދި "ޓައިޕް 2 ޑައިބެޓީސް" އެވެ. ޓައިޕް 1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރުބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ. އަދި މިއީ ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ޖެހިދާނެ ބައްޔެކެވެ. މީގެ އިތުރުން ވެސް ޢާއިލާގައި ހަކުރުބަލީގެ މީހުން ތިބުމާއި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމާއި، މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މިބަލި ޖެހުމަށް މަގުފަހި ވެއެވެ. ނަމަވެސް ހަކުރު ބައްޔަކީވެސް ގައިގަޔަށް ނާރާ އެހެން ބަލިތަކެކޭ އެއްފަދައިން ދުރާލާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ސަމާލުކަން ދެވިއްޖެނަމަ ރައްކާތެރިވެވިދާނެ ބައްޔެކެވެ. މިގޮތުން ކުރެވިދާނެ ކަންކަމަކީ؛

- ޞިއްޙީ ގޮތުން ދުޅަހެޔޮ ކާނާއާއި ބުއިންތައް (މިންހެޔޮ) ކެއުން އިޚްތިޔާރުކުރުން.
- ކެއުމުގެ ވަގުތުތަކާއި، ކާ މިންވަރާ މެދު ސަމާލުވުން.
- ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުން އާދަކުރުން.
- ހަށިގަނޑުގެ ބަރުދަން (ބީ.އެމް.އައި)ސިއްޙީގޮތުން ދުޅަހެޔޮ މިންވަރެއް ގައި ހިފެހެއްޓުން.
- ދުންފަތުގެ އިސްތިޢުމާލުނުކުރުން އަދި ދުންފަތުގެ ދުމުން ރައްކާތެރިވުން.
- ދޭތެރެ ދޭތެރެއިން، އަދި ވަކިން ޚާއްޞަކޮށް ހަކުރުބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ނުވަތަ ހަކުރުބައްޔަށް ހުށަހެޅޭފަދަ ޙާލަތެއްގައި ދިރިއުޅޭނަމަ ނުވަތަ ޢާއިލާގެ ތެރޭގައި ހަކުރުބަލީގެ މީހުންތިބިނަމަ، ޓެސްޓުތައް ހަދާ ބަލީގެ ޙާލަތު ކަށަވަރު ކުރަމުން ދިއުން.





