ކުރިއަށް އޮތް ރަމަޟާން މަހުވެސް ސަރުކާރުން ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ރޯދަ ހަދިޔާ ދޭން ނިންމާފައިވާއިރު އެކަމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މި އަހަރު ކޮންމެ ގޭބީސީއަކަށް ވެސް ރޯދަ ހާދިޔާގެ ގޮތުގައި މަސްދަޅު ކޭހެއް ދޭނެ އެވެ.
ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި ކައުންސިލުތަކާ ގުޅިގެން އެ ރަށްރަށުގެ ރައްޔިތުންނަށް މަސްދަޅު ކޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މި އަހަރުވެސް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން މިފްކޯއާ ކަމާގުޅޭ މިނިސްޓްރީތަކާއެކު މިހާރު މަސައްކަތް ވަނީ ފަށާފަ އެވެ.
ރައީސުލޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ ރަމަޟާން މަހުގައި ކޮންމެ ގޭބީސީއަކަށް 10 ކިލޯ ބާސްމަތީ ހަނޑުލާއި، 10 ކިލޯ ފުށް ސަރުކާރުން ދެއްވިއެވެ. އަދި މިދިޔަ އަހަރު ވަނީ މަސްދަޅު ކޭހެއް ދެއްވާފަ އެވެ.





