Saturday, October 31
ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވޭ:އޭސީސީ

ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށްޓަކައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާކަމަށް އެ ކޮމިޝަނުގެ ރައީސް  އަލްއުސްތާޛު އާދަމް ޝާމިލު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އާދަމް ޝާމިލު ވިދާޅުވީ ކޮމިޝަނާމެދު ވަރަށް ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ.

ޝާމިލު ވިދާޅުވީ ކޮމިޝަނަށް ރަނގަޅު އެކަށީގެންވާ ބަޖެޓެއް ލިބެންޖެހޭ ކަމަށެވެ. އެކަށީގެންވާ ބަޖެޓެއް ދިނުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮމިޝަނު ޖަވާބުދާރީކުރުވައި އެ ކޮމިޝަނުން މަސައްކަތްކުރަމުންދާ ގޮތް ރަނގަޅަށް ބަލަައި މޮނީޓާކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމުގައިވެސްް އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތެރެއިން ކޮމިޝަނަަށް ހަމަޖެހިފައިވާ އަދަދުތަކާމެދު ޝާމިލުވަނީ ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވާފައެވެ. އެގޮތުން ކޮމިޝަނުގެ ބަޖެޓު ސީލިންއަކީ 49.84 މިލިއަން ރުފިޔާކަމަށާއި، މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކޮމިޝަނަށް ހަމަޖައްސާފައިވަނީ 47.37 މިލިއަން ރުފިޔާކަން ޝާމިލު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރަށް ކޮމިޝަނުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށް ބަޖެޓު ނުފެދޭކަމަށާއި، އެގޮތުން ބަޖެޓުގެ 96.1 އިންސައްތަކީ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމަށް ހަރަދުކުރަން ޖެހޭ ފައިސާކަމަށާއި، ބަޖެޓުން ޕްރޮގުރާމުތައް ތަންފީޒުކުރަން ލިބެނީ ގާތްގަނޑަކަށް އެއް މިލިއަނެއްހައި ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާމިލު ފާހަގަކުރެއްވި ގޮތުގައި ބަޖެޓުގެ 76 އިންސައްތަ ފައިސާއަކީ މުވައްޒަަފުންގެ މުސާރައިގެ ހަރަދެވެ. އަދި ތަހުގީގުތައް ހިންގުމަށް ދަތުރުކުރުމަށް ލިބުނީ 0.28 އިންސައްތަ ނުވަތަ 130،000 އެއްހައި ރުފިޔާ ކަމަށާއި، ކުއްޔަށް 10 މިލިއަން ރުފިޔާ ހަރަދުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަޔަކު ދިރިއުޅޭ ގެއެއްގައި އޭސީސީގެ އިދާރާ ހިންގުމަކީ އެކަމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރެވޭ ބޭފުޅުންގެ ރައްކާތެރިކަމަށްވެސް އުނިކަން ލިބޭކަންް ފާހަގަކުރައްވައި ޝާމިލު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި އެންޓި ކޮރަޕްޝަން އިދާރާތައް ހިންގަނީ ފުލުހުންގެ އިދާރާތައް ހިންގާ ގޮތާ ވަރަށް އެއްގޮތް ގޮތަކަށް ކަމުގައެވެ.

ރައްޔިތުންގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށް ބަޖެޓުން ލިބެނީ ބަޖެޓުގެ 0.05 އިންސައްތަ ނުވަތަ 23،000 އެއްހައި ރުފިޔާކަމަށާއި، ކޮރަޕްޝަންއަށް ފަހިވާ ގޮތަށް ހިރާސްތައް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލިބެނީ 123،000 އެއްހައި ރުފިޔާ ކަމުގައި ޝާމިލު ވިދާޅުވިއެވެ.

ޝާމިލު އިތުރަށް ވިދާޅުވީ ބަޖެޓު ރަނގަޅަށް ފަހިކުރެވިއްޖެނަމަ އޭސީސީއަށް ރަނގަޅު ނަތީޖާތަކެއް ނެރެވި، ބޮޑެތި ތަހުގީގުތައް އަވަސްކުރެވި ކުށްކުރާ މީހުން ކޯޓުތަކުގެ ކުރިމައްޗަށް ގެނެވި، ފިޔަވަޅު އެޅޭ މަންޒަރު ފެނިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު