ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަސޭހަ އަދި އަވަހަށް ޓްރާންސްފަރ ކުރެވޭ ގޮތަށް ޕޭއެމްވީ ކިއުއާރގެ ޚިދުމަތް ފަށައިފިއެވެ.
ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި ފީޗާއިން ބޭންކުގެ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކިއުއާރ ކޯޑު ސްކޭންކޮށްގެން ފައިސާ ފޮނުވައި އަދި ފައިސާ ބަލައިގަނެވޭނެއެވެ.
އިއްޔެ ބޭންކުން މި ޚިދުމަތް ތައާރަފުކުރުމާއެކު ބީއެމްއެލް ވެގެންދާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އައު މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫޢުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ ބޭންކަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އައު ޕޭމަންޓް ސްޓޭންޑަރޑްއާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުން އިރުޝާދުދެއްވާފައިވާ ކަމަށެވެ.
"ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާ ގެ ހައިސިއްޔަތުން، މި މަޝްރޫއަށް އަމަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅު ބޭންކުން އެޅުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް. މިއަދުން ފެށިގެން ކިއުއާރ ކޯޑު ސްކޭންކޮށްގެން އެކައުންޓުތަކުން ފައިސާ ފޮނުވައި، އަދި ކިއުއާރ ކޯޑު ޖެނެރޭޓް ކޮށްގެން ފައިސާ ބަލައިގަނެވޭނެ. މި އާ ފީޗާއާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިންގ އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ"، ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެއެވެ.






