Saturday, October 31
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޫކުރި މަޝްރޫޢުތަކަށް ފައިސާ ދޫކުރާނީ އުސޫލާ އެއްގޮތަށް: ބީއެމްއެލް
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ލޯނު ދޫކުރާނީ އުސޫލުގެ ތެރެއިން ކަމަށާއި ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ ހުރިހާ ކަމަކަށް ބަލާނެ ކަމަށް ބީއެމްއެލުން މިއަދު ބުނެފި އެވެ. ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި، އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވާ ބުނީ،  ބޭންކުގެ ބޯޑާއި މެނޭޖްމަންޓުން މަސައްކަތް ކުރަނީ ފުރިހަމަ ޕްރޫޑެންސާއި މިނިވަންކަމާއެކުގައި ކަމަށެވެ. ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވާނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން އެކަން ހާމަވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. ބޭންކުން ބުނީ ބޭންކުގެ އޮނިގަނޑުތައް ގާއިމުކޮށްފައި ވަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑާޑް ތަކުގެ އިތުރުން ބާސެލް 3 އަދި އައިއެފްއާރްއެސް 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑްތަކަށް ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ. ބީއެމްއެލުން ފާހަގަކުރި ގޮތުގައި، އެ ބޭންކު ހިންގަނީ ބޯޑުން ފާސްކުރާ ސްޓެރެޓެޖީއާ އެއްގޮތަށް، ހިންގުމުގެ އެކިދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީ ތަކާ ވެސް އެއްގޮތަށެވެ. އަދި ބޭންކުގެ ބޯޑުން ނިންމާ ނިންމުމާއި ދޭ ލަފާތަކަށް އަމަލުކުރާ ކަމަށް ބުންޏެވެ.   "މިގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް އަދި އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާ އެގޮތަށް ދޫކުރާ ލޯނުތަކެކެވެ. އެގޮތުން ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝާ އަށް ވެސް ބަލާނެ އެވެ،" ބީއެމްއެލް އިން ބުންޏެވެ. ބީއެމްއެލްއިން ވިދާޅުވީ ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލާނެކަމަށެވެ. އަދި ލޯނު ދޭނީ އަންޑަރ ރައިޓިން އުސޫލާ އެއްގޮތަށްކަމަށާއި މިއީ ކޮންމެ ހާލަތެއްގައިވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލުކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އޮންނާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެކަމަށްވެސްވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަޑުތައްވެސް ބޭންކުގެ ބޯޑުން ކަނޑައަޅުއްވާފައިވެއެވެ. އޭގެތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނެއެވެ. މިއަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިޔަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. ބޭންކުން ވަނީ ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު