ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކާ 205 ޕްރޮޖެކްޓް ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. އައްޑޫ ހައި ސްކޫލުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ،ޖުމުލަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދަވާނެ ބައެއް ކަންކަންވެސް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ރިޔާސީ ވަޢުދުފުޅުތަކުގައި ހިމެނޭ ކަންކަމުގެ އިތުރުންވެސް ކަންކަން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަ މިއާއެކު، ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކާ ޙަވާލުކުރައްވައިގެން ގިނަ މަޝްރޫޢުތަކެއް ހިންގަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން 205 މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކުރެއްވުން، ބުރާސްފަތި ދުވަހު މާލޭގައި ކުރިއަށްގެންދަވާނެކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. މީގެއިތުރުން ސަރުކާރުން ހޯދާފައިވާ އެކި ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ޚަލާސްކުރެއްވުމުގެ ކަންކަން މިހާރު ކުރިއަށްދާކަމަށާ، މިމަހުގެ ނިޔަލަށް އެކަންވެސް މުޅިން ނިންމަވާލެވޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މިފަދަ ހުރިހާ ކަމެއްވެސް މި މޭރުމުން ކުރެވެމުން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ އެއްބާރުލުންކަމުގައި ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ. އެމަނިކުފާނަށް ރައްޔިތުން ކުރައްވާ އިތުބާރާއެކު، އިޚްލާސްތެރިކަމާއި، އަމާނާތްތެރިކަމާއެކު ޒިންމާ އަދާކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ ދެއްވާފައެވެ.





