Saturday, October 31
ޝަރަފުގެ ޚާއްޞަ އައްޑަނައިގެ ޙައްޤުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން
ޝަރަފުގެ ޚާއްޞަ އައްޑަނައިގެ ޙައްޤުވެރިންނަކީ ދިވެހި ރައްޔިތުން ކަމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން މައުމޫން ކުރެއްވި ޕޯސްޓުގައި ވަނީ ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެމަނިކުފާނަށް ދެއްވިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފައެވެ. އަދި މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި މިފަޚުރުވެރި އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން ކަމަށެވެ. ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަދި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އަރުވާފައިވަނީ މިއަދެވެ. ނަޞްރުގެ ދުވަސް ފާހަގަކުރުމަށް، ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަދި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އެރުވީ ރައީސުލްޖުމްހޫރިއްޔާއެވެ. މިއީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން އެރުއްވި އައްޑަނައެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު