މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިގޮތުން އެމްއެންޑީފުން ބުނީ މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދުން ކަމަށާއި، އެއަށްފަހު، އެ ދުވަހު ހެނދުނު، 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ.
އަދި، ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އެ ދުވަހުގެ ހެނދުނު 09:00 ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ނަޞްރުގެ ދުވަހު ކުރިއަށްގެންދަން ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރެއިން، އެ ދުވަހުގެ ހަވީރު 04:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާނެ ކަމަށެވެ.
މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑް ތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ފަތިސް ނަމާދުކުރުމުގެ އިތުރުން ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ނަޞްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެއެވެ.
އަދި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި ސިފައިންގެ އަސްކަރީ ހުށަހެޅުމަކާއި ކުޑަކުދިންގެ ހަވީރެއް ގދ. ތިނަދޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސިފައިންގެ ފޮޓޯ މައުރަޒު، ތިނަދޫ ސިޓީގައި ކުރިއަށްދާނީ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު، ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރު ކުރިޔަށްދާނީ 8 ވަނަ ދުވަހުގެ ހަވީރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ގައެވެ.




