Saturday, November 14
ރީތި އަޚުލާޤުގެ ވެރިއަކަށް ވުމަކީ ޤިޔާމަތް ދުވަހު މީހާގެ ދަރަޖަ އުފުލޭނެ ކަމެއް: ޚުޠުބާ

ރީތި އަޚުލާޤުގެ ވެރިއަކަށް ވުމަކީ ޤިޔާމަތް ދުވަހު މީހާގެ ދަރަޖަ އުފުލޭނެ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ "އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަޙުމަތުގެ ރިސާލަތެއް"، މިއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ މަތިވެރި އަޚުލާޤާއި ރަޙުމަތާ ދެމެދުގައި ވަނީ ގިނަގުނަ މާތް ސިފަތަކެއް ކަމަށާއި، އެ ސިފަތަކުން ލޯބިވުމަށާއި ރަހުމުކުރުމަށް ބާރުއަޅާ ކަމަށާއި، ބައެއް މީހުން އިސްލާމް ދީނާ މެދު ދެކެނީ އެއްވެސް ރަޙުމެއް ނެތް ހަރުކަށި ދީނެއްގެ ގޮތުގައި ކަމަށާއި، އެެހެނަސް ޙަޤީޤަތުގައި އިސްލާމް ދީނަކީ ރަޙުމަތުގެ ދީން ކަމަށެވެ.

މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ އިސްލާމް ދީނުގައި ރިވެތި އަޚުލާޤަށް ވަރަށް މަތިވެރި ދަރަޖައެއް ދީފައިވާ ކަމަށާއި، ކީރިތި ރަސޫލާ އެކަމުގެ ނަމޫނާ ދެއްކެވި ކަމަށާއި، އެކަލޭގެފާނުގެ ޞަޙާބީންނާއި އުންމަތް މި ސިފަ އަށަގެންނެވުމުގެ މައްޗަށް ތަރުބިއްޔަތު ކުރެއްވި ކަމަށާއި، އެއީ ހުރިހާ ގުޅުންތަކެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ ރިވެތި އަޚުލާޤާއި، ރަޙުމަތާއި، އޯގާތެރިކަން ކަމުގައި ވާތީ ކަމަށެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ ރިވެތި އަޚުލާޤު ސިފަކުރައްވައި ކީރިތި ރަސޫލާ ކުރެއްވި ޙަދީޘެއްގައި ވާ ގޮތުން އެއީ ހިނިތުންވުމާއި، ހެޔޮފޯރުވުމާއި، މީސްތަކުންނަށް އުނދަގޫ ނުކުރުން ކަމަށެވެ. އަދި މިފަދަ ކަންކަމުން އެނގެނީ އިސްލާމް ދީނަކީ ލޯތްބާއި، ހަމްދަރުދީއާއި، އޯގާވެރިކަމާއި، އަޅައިލުމާއި، ހެޔޮފޯރުވުމުގެ ދީންކަން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު