Saturday, October 31
ކަލައިދޫ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ލ. ކަލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙުމަދު ސަޢުދީއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކަލައިދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން 38،137 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 10،728 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުން ކުރުމާއި، 230،010 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 20 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 99 މީޓަރުގެ ސަރަހައްދެއްގައި ބޭރުތެރެއަށް ވެލިތޮއްޓެއް ޖެހުމާއި، 72 މީޓަރުގެ ސަރަހައްދެއްގައި އެތެރެވަރިއަށް ވެލިތޮށްޓެއް ޖެހުމާއި، 64 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 41 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 2،195 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 74.95 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު