މިއަހަރުގެ ތެރޭގައި، ލ. ގަމުގައި ޖުމުލަ 300 ހައުސިންގ ޔުނިޓު ޤާއިމުކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައި، އެހެން ރަށްރަށުން ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ޚަލާޞްކޮށްދެއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގަމު ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރޭ ސޮއިކުރި، ލ. ގަމުގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢާއި، މިހާރު ހިނގަމުންދާ 100 ހައުސިންގ ޔުނިޓުގެ މަޝްރޫޢާއި، 100 ހައުސިންގ ޔުނިޓުގެ އިތުރު މަޝްރޫޢެއް ހިމެނޭގޮތަށް ގަމުގައި ޖުމުލަ 300 ހައުސިންގ ޔުނިޓު ޤާއިމުކުރެއްވުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭ ސޮއިކުރެވު މަޝްރޫއަކީ ގަމުރައްޔިތުންނަށް ހާއްސަ މަޝްރޫއެކެވެ.މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ގިނަ ހައުސިންގ މަޝްރޫޢުތައް ހިންގާނެ އެއް ރަށަށް ލ. ގަން ވާނޭކަމުގައި ވިދާޅުވެފައެވެ. މި މަސައްކަތުގެ އިތުރުން، އެހެން ރަށްރަށުން ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ޚަލާޞްކޮށްދެއްވާނޭކަމުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދަށް އިޝާރާތްކުރައްވަމުން، އެކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖައްސަވާފައިކަމަށް ވިދާޅުވިއެވެ. ދާދި އަވަހަށް، ކަމާބެހޭ ވުޒާރާތަކުން ޓީމުތައް އައިސް، ބޭނުންވާ މަޢުލޫމާތުތައް ހޯއްދެވުމަށްފަހު، ކޮންމެ މީހަކަށް 50،000 ރުފިޔާގެ ރޭޓުން، ޖުމުލަ 8.45 މިލިޔަން ރުފިޔާ، ޙައްޤުވެރީންގެ އެކައުންޓަށް ޖަމާކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ޕްލޭނަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، މިރޭ ސޮއިކުރި، ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުންވެސް، އެ އަތޮޅުގައި ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިފާނުގެ ރިޔާސީ ބައެއް ވަޢުދުތަކާ ގުޅުންހުރި މަސައްކަތްތަކުގެ އެކި މަރުޙަލާތައްވެސް ލ.ގަމުގައި ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މިއަދު ވަނީ، ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވާފައެވެ. އަދި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ލ. ގަމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމާއި، ގަން ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ލ. ގަމުގައި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރެއްވުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ލ. ގަމުގެ އުތުރު ފަރާތުގައި ޤާއިމުކުރާ އައު ބަނދަރު މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭ ވަނީ ސޮއިކުރައްވާފައެވެ. އަދި ދާދި އަވަހަށް، ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއް ޤާއިމުކުރައްވައި، ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި މުޅި އަތޮޅަށް އާރް.ޓީ.އެލް ޚިދުމަތް ފުޅާވެގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރަށުގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރެއްވުމާއި، ސްކޫލަށް ބޭނުންވާ ބިނާރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށްގެންދަވާނޭކަމަށްވެސް އެރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވިއެވެ