Saturday, October 31
ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އަދި ކައްދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އަދި ކައްދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އަދި ކައްދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރެވެ.

އަދި އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކައްދޫ އެއާޕޯޓް، ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ގިނަވަގެން ތިން އަހަރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވައިފައެވެ.

ފޮނަދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކައްދޫ އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމަޕެނީ ލިމިޓެޑާ ހަވާލުކޮށްފައިވަނީ ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ މަޝްރޫޢުގެ ތަފްޞީލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއާޕޯޓްގައި 2800 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރެއްވުމަށް ބޭނުންވާ 114 ހެކްޓަރުގެ ބިންހިއްކާ، ރަށަށް ބޭނުންވާ 30 ހެކްޓަރުގެ ބިމާއެކު ޖުމުލަ 144 ހެކްޓަރުގެ ބިން މި މަޝްރޫޢުގެ ދަށުން ހިއްކާނެ ކަމަށެވެ. މި ދެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމައި، އެއާޕޯޓްގެ މަސައްކަތް ގިނަވެގެން 36 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރާ ކައްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާނީ މިހާރު ކައްދޫގައި ހުރި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފްގެ މަރުކަޒު ބަދަލުކުރަން ނުޖެހޭގޮތަށް ކަމަށެވެ.

ކައްދޫ އެއާޕޯޓަކީ ފަތުރުވެރިކަމާއި، ތަޢުލީމާއި، ސަރަހައްދީ ތަރައްޤީއަށްޓަކައި، ފޮނަދޫގައި ކުރިއަށް ގެންދަވާ ހުރިހާ މަޝްރޫޢުތަކަށް މުހިއްމު މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު