މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނަށް މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން ފާސްކޮށްފައިވަނީ، ކޮމެޓީންވެސް ރުހުން ދެއްވި ތިން ބޭފުޅުންނަށެވެ.
މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަޤާމަށް 10 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އޭގެ ތެރެއިން 2 ބޭފުޅަކު އިންޓަރިއު މަރުހަލާގައި ނަން އަނބުރާ ގެންދިއުމުން، 8 ބޭފުޅުންނާއި އިންޓަރވިއުކޮށް ކޮމިޓީން ވަނީ 3 ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވަން ފާސްކޮށްފައެވެ. ކޮމިޓީން ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނީ %75 އަށްވުރެ މަތިން މާކްސް ލިބޭ ބޭފުޅުންގެ ނަންތަކެވެ.
ކޮމެޓީން ފޮނުވިގޮތަށް، ތަޅުމުން ފާސްކޮށްފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ޞަފާ ޝަފީގާއި މެންބަރު އައިމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު ފަރުޝަތަށެވެ.
މަޖިލީހުން ކަނޑައަޅާ 3 މެމްބަރުން:
- ޞަފާ ޝަފީގު 54 ވޯޓު
- އައިމިނަތު ސަރާހަތު 54 ވޯޓު
- މުހައްމަދު ފަރުޝަތު 54 ވޯޓު
ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން 3 މެންބަރުން އައްޔަން ކުރާނެއެވެ. އެ ކޮމިޝަނަށް އިންތިޚާބަކާ ނުލައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން 4 މެންބަރުން މިހާރު ވަނީ އިންތިޚާބުވެފައެވެ. ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ ޢަބްދުލްޢަޒީޒް އިބްރާހީމާއި، ޒަމްޢަތު އަޙްމަދު ވަޙީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ސިމާޙާ ނަސީމާއި، ޙުސައިން ޘަޤީފެވެ.