Monday, November 2
ޖެނީވާގައި ޔޫ.ޕީ.އާރުގެ 53 ވަނަ ސެޝަން ފަށައިފި، ރާއްޖެއިން ބައިވެރިވަނީ

އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު) ގެ ވަރކިންގ ގްރޫޕުގެ 53 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަންގައި ޔޫ.ޕީ.އާރުގެ ވަރކިންގ ގްރޫޕުން 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރާނެއެވެ. އެ ޤައުމުތަކަކީ ސުރިނާމް، ސަމޯއާ، ހަންގެރީ، ތަޖިކިސްތާން، އެންޓިގާ އެންޑް ބާބުޑާ، ގްރީސް، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސް، ޕަޕުއާ ނިއު ގިނީ، ޓެންޒޭނިއާ، އެސްވަޓީނީ، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، އަޔަރލެންޑް، ތައިލޭންޑް އަދި އެމެރިކާއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މި ސެޝަންގައި ރާއްޖޭގެ ވަފުދުން ބައިވެރިވެ، ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރިވިއުކުރެވޭ ޤައުމުތަކަށް ބިނާކުރަނިވި ހުށަހެޅުންތައް ހުށަހަޅާނެ ކަމަށެވެ.

މި ސެޝަންގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވަނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އަދި މި ވަފުދުގައި ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އާމިނަތު ޝިފާޔާ އިބްރާހީމް އަދި ސެކަންޑް ސެކްރެޓަރީ އައިޝަތު ރަޔާހީން ހިމެނިވަޑައިގަންނަވައެވެ.

ޔޫ.ޕީ.އާރު އަކީ އ.ދ.ގެ މެމްބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ދެނެގަނެ، އެ ދާއިރާއިން ހޯދާފައިވާ ކުރިއެރުން ވަޒަންކުރުމަށް ޤާއިމުކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން، ރިވިއުކުރެވޭ ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ތަންފީޒުކުރުމުގައި އިތުރަށް ހަރުދަނާކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތު އެހެން މެމްބަރު ޤައުމުތަކަށް ލިބެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު