އދ. ގެ ތައުލީމީ، ސައިންޓިފިކް އަދި ސަގާފީ ޖަމްއިއްޔާ (ޔުނެސްކޯ) އިން އެކުލަވާލާފައިވާ، މަތީ ތައުލީމާ ގުޅޭ ބައިނަލްއަގްވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ، މި މަހުގެ 1 ވީ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސަތުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިކަމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ރާއްޖެއިން ބައިވެރިވުމަށް ނިންމަވާފައިވާ ދެ މުއާހަދާއަކީ "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" (ޓޯކިޔޯ ކޮންވެންޝަން) އާއި، ޔުނެސްކޯގެ "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" އެވެ.
މި ދެ މުއާހަދާގައި ބައިވެރިވުމާ ގުޅޭގޮތުން ޔުނެސްކޯއިން "ނޭޝަނަލް އެސެސްމަންޓް އޮފް ދަ ބެނެފިޓްސް އެންޑް އިމްޕްލިކޭޝަންސް އޮފް ރެޓިފައިންގ ދަ ގްލޯބަލް ކޮންވެންޝަން އެންޑް ޓޯކްޔޯ ކޮންވެންޝަން" ގެ ނަމުގައި ޤައުމީ އެސެސްމަންޓެއް ވަނީ ހަދާފައެވެ.
މީގެ އިތުރުން، ޔުނެސްކޯއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގުޅިގެން، މިކަމާ ގުޅުންހުރި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް މިޝަނެއް ކުރިއަށް ގެންގޮސް، ދާއިރާގެ އެކިއެކި ފަރާތްތައް ހިމެނޭ ފޯކަސް ގްރޫޕް ބައްދަލުވުންތަކެއްވެސް ވަނީ ބާއްވާފައެވެ.






