ޔޫރަޕުގެ ގިނަ ޤައުމުތަކެއްގެ ސުޕާމާކެޓުތަކުގެ ފިނިކުރާ ނިޒާމުތަކަށް އަމާޒުކޮށް ދިން ސައިބާ ހަމަލާއަކާ ގުޅިގެން، ފްރިޖުތަކާއި ފްރީޒަރުތަކުގެ ފިނިހޫނުމިން މައްޗަށް ގޮސް، ގިނަ އަދަދެއްގެ ކާބޯތަކެތި ހަލާކުވެއްޖެއެވެ.
މި ހަމަލާގެ ސަބަބުން ބެލްޖިއަމް، ލަގްޒެމްބާގް، ސްވިޑަން އަދި އަޔަލޭންޑްގެ ސުޕާމާކެޓުތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހަލާކުވި ކާބޯތަކެތި ވަނީ އުކާލަން ޖެހިފައެވެ.
މި ހަމަލާގެ އަސަރުކުރި ފިހާރަތަކުގެ ތެރޭގައި ޑެލްހައިޒްގެ ފިހާރަތަކާއި، ބެލްޖިއަމްގައި ހުންނަ ކާރްފޫރްގެ 15 ފިހާރައެއް ހިމެނެއެވެ.
މިދިޔަ އޮކްޓޯބަރު މަހު ފްރާންސްގެ ސުޕާމާކެޓުތަކަށް ވެސް މިފަދަ ސައިބާ ހަމަލާއެއް ދީފައިވެއެވެ. ނަމަވެސް މި ހަމަލާގެ ފަހަތުގައި ވަނީ ކޮން ބައެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.






