ލ. ހިތަދޫ-ކުނަހަންދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ އަބުދުﷲ މުއްތޮލިބުއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ލ. ހިތަދޫ-ކުނަހަންދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާއި ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 81,222,471.36 ރުފިޔާގެ އަގަށް 500 ދުވަހުގެ މުއްދަތެއްގައި ނިންމުމަށެވެ.
މި މަޝްރޫޢުގެ ދަށުން ހިތަދޫއާއި މެންދޫ ދެމެދުގައި 66 މީޓަރުގެ ކަލްވާރޓް ސެގްމެންޓް، 36 މީޓަރުގެ ކޯޒްވޭ ސެގްމެންޓް، 165 މީޓަރުގެ އެޕްރޯޗް ރޯޑް ހަދައި 156 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި މެންދޫ އާއި ކުނަހަންދޫ ދެމެދުގައި 133 މީޓަރުގެ ކަލްވާރޓް ސެގްމެންޓް، 78 މީޓަރުގެ ކޯޒްވޭ ސެގްމަންޓް، 165 މީޓަރުގެ އެޕްރޯޗް ރޯޑް ހަދައި 167 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.